ޚަބަރު

ޤައުމީ ދުވަސް: ޤައުމީ ލޯތްބާއި ކުލުނުވެރިކަމުން ފުރިފައިވާ ހިތްތަކެއް އުފަންކުރަންޖެހޭ!


  • 1558 ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރި

  • ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދިނީ ބޮޑުތަކުރުފާނުގެ ލަޝްކަރުން

  • ޤައުމީ ދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެން

ކޮންމެ މީހަކުވެސް އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ދުޝްމަނުންނާއި ޔާރުންނަކީ ކޮބައިކަން ދަސްކުރަންޖެހެއެވެ. ޤައުމަށްޓަކައި ހިންމަތްކުރި އަބްޠާލުންނަކީ ކޮބައިކަން އެނގެންޖެހެއެވެ. މިނިވަން މުސްތަޤިއްލު ވެރިކަމެއް އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ކުރާތާ 4،000 އަށްވުރެ ގިނަ އަހަރުވެއްޖެއެވެ. އެންމެ މުސްކުޅި ދައުލަތްތައް ހިންގާ ރަށްރަށުގެ ތެރޭގައި ދިވެހިންގެ ވެރިރަށް، މާލެ ހިމެނެއެވެ.

4،000 އަހަރުވީ ދިގު ތާރީޚުގައި މިނިވަންކަމަކީ މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި އެންމެ މަތިވެރި އެއް ނިޢުމަތެވެ. މި ނިޢުމަތުގެ ފޮނިމީރުކަން ލިބިގަންނައިރު، ދިވެހި އުންމަތުގެ މިނިވަންކަމަށް އެކި ފަހަރު އެރި ލޮޅުންތަކާ މެދު ވިސްނާލުން މުހިންމެވެ. މިނިވަންކަންމަތީ ޤައުމު ދެމިއޮތީ ކޮން ބަޔަކު ކުރި މިންނަތުންކަމާމެދު ފިކުރުކޮށްލުން މުހިންމެވެ.

އެއް ދުވަހުގެ ނާމާންކަމާއި 3 މަސް ދުވަހުގެ އަޅުވެތިކަމާއި 78 އަހަރުގެ ޙިމާޔަތެއް ދިވެހިން ދެކުނެވެ. މިއިން ކޮންމެ ފަހަރަކުވެސް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއިގެން އަތުކުރި އޮޅާލެއްވި އަބުޠާލުންގެ ދަންމަރުން ދިވެހި ޖައްވު ވިދުވާލިއެވެ. މިނިވަންކަމުގެ ކުނބު ކޮޅަށް ޖެއްސެވިއެވެ. ފުރިހަމަ މިނިވަން ދިދައެއްގެ ހިޔާވަހިކަން ފަތުރާލެއްވިއެވެ.

މި ދެންނެވި އަޅުވެތިކަމާއި ޙިމާޔަތުގެ ދުވަސްތަކުގެ އިތުރުން އެންމެ ބޮޑަށް ދިވެހިން ބަރުދާސްތުކުރި އަޅުވެތިކަމުގެ ދުވަސްވަރަކީ 1558 ވަނަ އަހަރު، ފުށިތިކާލުން ނުވަތަ ޕޯޗުގީޒުންގެ އަތްދޮށަށް ރާއްޖެ ދިޔަ ދިޔުމެވެ. އެތައް ފަހަރަކު ވެރިރަށް މާލެއަށް ޙަމަލާދިނުމަށްފަހު، އެ މީހުންނަށް ރާއްޖެ ހިފުނީ ޙަމަލާދިން 3 ވަނަ ފަހަރުއެވެ. ދިވެހި ޤައުމުގެ ދިފާޢުގައި އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން، މަޝްހޫރު ޢަލި ރަސްގެފާނު ޝަހީދުކޮށްލުމަށްފަހު، ޕޯޗުގީޒުން ދިވެހި ތަޚުތަށް ވެރިވެގަތީ އުދަރެހުން ކަޅު ވިލާތަކެއް ގެނުވަމުންނެވެ. އެ ދުވަހަށްފަހު ޕޯޗުގީޒުންގެ ރަސްކަމެއް ރާއްޖޭގައި ފެށުނެވެ. ކުރިން ދިވެހިން ދުވަހަކުވެސް ދެކިފައިނުވާފަދަ މަންޒަރުތަކެއް އެ ދުވަހުން ފެށިގެން ހާމަވާން ފެށިއެވެ.

ވެރިރަށް މާލެއަށް ވެރިވެގަނެ، އެ މީހުންގެ މައި މަރުކަޒު މާލޭގެ އުތުރު ފަރާތުން މާފަންނުގައި ޤާއިމުކުރިއެވެ. އަތޮޅުތަކަށް އެ މީހުންގެ ވެރިން ފޮނުވިއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށް، މައިގަނޑު ގޮތެއްގައި އެ މީހުން ތިބީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުގައެވެ.

ރާއްޖޭގެ ފައިދާ އެންމެ ފުރިހަމަ ގޮތެއްގައި ލިބޭނެ ގޮތެއްގެ މަތިން އިސްތިރާޖީ ރޭވުންތަކެއް އެ މީހުން ރާވާލިއެވެ. ހީލަތްތެރި ރޭވުންތަކެއްގެ ތެރެއިން އަމަން އޮމާންކަންމަތީ ގާތްގަނޑަކަށް 10 އަހަރު އެ މީހުން ދިވެހިން އަޅުވެތިކޮށްގެން ތިއްބެވެ. ޕޯޗުގީޒުންގެ އަސްލު ކުޅިގަނޑު ފެށުނީ ދިވެހި ދަރިންތަކެއް އިސްނަގައި، ޤައުމުގެ މިނިވަންކަމައިގެން ޖިހާދަށް ނުކުމެވަޑައިގެންނެވި ހިސާބުންނެވެ. ގެތައް ލޫޓުވައި، މީހުންގެ ލޭ އޮހޮރުވާ، ޕޯޗުގީޒުންގެ ޣައިރު ދީން ދިވެހިންނަށް ހުށައެޅިކަމަށްވެއެވެ. އެ ދުވަސްވަރަކީ ދިވެހިންގެ ފެހި ޖަޒީރާތައް ވަށައިގެންވީ ރީތި ނޫ ކަނޑުތައް، މޮޅިވެރި ރަތް ކުލައަށް ބަދަލުވި ދުވަސްވަރެއްގެ ގޮތުގައި ތާރީޚީ ލިޔުންތައް ސިފަކުރެއެވެ.

ކޮންމެއަކަސް، މި ލޮބުވެތި ދިވެހިރާއްޖޭގެ ދިފާޢުގައި މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައި، ތިމާގެ ހަށި ނުރައްކަލާއި ނާމާންކަމަށް ހުށައެޅީ ބޮޑުތިލަދުންމަތީ އުތީމަށް ނިސްބަތްވެވަޑައިގެންނެވި މި ދީބުގެ ކީރިތި 3 މަހާރަދުންނެވެ. އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ޢަލި ތަކުރުފާނު، ވަރުގަދަ ގެރިއްލާ ހަނގުރާމައެއް ކުރެއްވުމަށް އޮޑިކޮޅެއްގައި ނުކުމެވަޑައިގަތެވެ. ފަހުން މަލިކަށް ނިސްބަތްވާ ދެ ބޭކަލުންނާއި ދުވާފަރު ދަންޑަހެލުގެ ނަމުން މަޝްހޫރު ޒުވާނާ، ލަޝްކަރާ ގުޅިވަޑައިގަތެވެ.

ވަރަށް ފަރުވާތެރިކަމާއި ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ކުރެއްވި ހަނގުރާމާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެތިބި ޕޯޗުގީޒު ސިފައިން ޤަތުލުކުރިއެވެ. މި ހަނގުރާމާގައި 5 އަހަރު ހޭދަކުރެއްވިއެވެ. ފަހަރަކު ރަށެއް ފަތަޙަކުރައްވަމުން ގޮސް، އެންމެ ފަހުން ރަށެއްގެ ގޮތުން ވެރިރަށް މާލެ ފަތަޙަކުރެވިއެވެ. މާލޭގައި ތިބި ޕޯޗުގީޒު ފައުޖަށް ޙަމަލާދެއްވި ރޭ އެކަނިވެސް، 300 އެއްހާ މީހުން މުޙައްމަދު ތަކުރުފާނުގެ ލަޝްކަރުން ޤަތުލުކުރެއްވިކަމަށް، އެ ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނުގެ ރަސްކަމުގައި ރާއްޖެ އައި ފަރަންސޭސި ލިޔުންތެރިޔާ ޕިރާޑު ލިޔުއްވާފައިވެއެވެ.

ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަނެ، އެ މީހުން ބޭނުންވާ ކަންކަން ޙާސިލުވަމުން ދިއުމުން، މާބޮޑު އަނިޔާވެރިކަމެއް އެ މީހުންގެ ފަރާތަކުން ނުފެނުނެވެ. މުޙައްމަދު ތަކުރުފާނުގެ ޢާއިލާއަކީ އުތީމުގައި ކަމުވޮށިގެންވާ ޢާއިލާއަކަށްވުމުން، ޕޯޗުގީޒުންގެ އެހީގައި އަރާމު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތުވެސް މުޙައްމަދު ތަކުރުފާނަށާއި އެ ތަކުރުފާނުގެ ޢާއިލާއަށް އޮތެވެ. ނަމަވެސް، އަމިއްލަ ނަފުސުގެ އަރާމަށްވުރެ، އެ ތަކުރުފާނަށް އިސްވީ ނިސްބަތްވާ ޤައުމުގެ މިނިވަންކަމާއި ސިޔާދަތެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖޭގައި ޕޯޗުގީޒުން ވެރިކަންކުރަމުން ގެންދިޔައީ އެ މީހުން ހިތުހުރި ގޮތަކަށެވެ. އެ މީހުން އެދޭ ގޮތަށެވެ. ދިވެހިންނަކީ، ހީލަތްތެރި ރޭވުމެއްގެ ތެރެއިން ޕޯޗުގީޒުންގެ މަންފާތައް ޙާސިލުކުރުމަށް ގެންގުޅުނު އަޅުންނެވެ. އެހެންކަމުން މި ބައި މީހުންނާ ދެކޮޅަށް މުޙައްމަދު ތަކުރުފާނުގެ ލަޝްކަރު ނުކުމެވަޑައިގަތީ ޤައުމަށް އޮތް ލޯބީގެ ސަބަބުކަން ކަށަވަރެވެ. ނަފުސަށްވުރެ ޤައުމު އިސްކޮށްގެންނެވެ. މިކަމުން ދޭހަކޮށްދެނީ އެ ތަކުރުފާނުގެ ހިތުގައި ޤައުމިއްޔަތަށް އޮތް ލޯތްބެވެ. ފުރާނައަށް ނުރައްކާވި އެތައް ކަމެއް މުޙައްމަދު ތަކުރުފާނުގެ ލަޝްކަރަށް ކުރިމަތިވެވަޑައިގެންނެވިއެވެ. އެހެނަސް، އެ ކަންކަމަށް އަޅާލެއްވުމެއް ނެތި، ޤައުމާއި ދީނަށްޓަކައި މާތް ﷲގެ ވާގިފުޅާއެކު ކުރިއަށް ވަޑައިގެން، ޤައުމަށް ނަޞްރު ހޯއްދަވައިދެއްވީއެވެ. އެއާއެކު 15 އަހަރުގެ އަޅުވެތިކަމަކަށް ނިމުން އައެވެ.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ޤައުމީ ދުވަހަކީ މުޙައްމަދު ތަކުރުފާނުގެ ލަޝްކަރުން ކުރެއްވި ހިތްވަރުގަދަ، ޖެހިލުންކުޑަ ޖިހާދުން މިނިވަން ހިޔާ ފަތުރުވާލެއްވި ދުވަހެވެ. މި ދުވަހަކީ ޤައުމީ ރޫޙުން ބިންވަޅު ނެގިފައިވާ އެ ޖިހާދުން ޢިބުރަތް ޙާސިލުކޮށް، ޤައުމީ ރޫޙާއި ލޯބި އާލާކުރަންވީ ދުވަހެވެ. ޤައުމީ ލޯތްބާއި ކުލުނުވެރިކަމުން ފުރިފައިވާ ހިތްތަކެއް އުފަންކުރަންވީ ދުވަހެވެ.