އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން މިމަހުގެ 7-15 އަށް ބޭއްވި އުރީދޫ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވިޔަފާރި ކުންފުނިތަކުގެ މެދުގައި އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުކޮށް އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އަށަގެންނެވުމުގެ އަމާޒުގައި މިމުބާރާތް ކުރިއަށްގެންގޮސްފަވާއިރު ގިނަ އަދަދެއްގެ އޮފީސްތަކާ ކުންފުނިތަކުން މިމުބާރާތުގައި ވަނީ ވާދަކޮށްފައެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ކުރިއަށްދިޔަ މުބާރާތްތަކުގެ ތެރޭގައި ޕަބްޖީ މޮބައިލް، ޕަބްޖީ ލެޖެންޑްސް، ބޭންގްބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ހިމެނެއެވެ. އެގޮތުން އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވެފަވާއިރު، އެމްއެލްބީބީގައި 5 ކުންފުންޏަކުން 64 ކުޅުންތެރިން ވާދަކޮށްފަވެއެވެ. އަދި ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 52 ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެންގޮސްފައިވެއެވެ.
އުރީދޫގެ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ މިމުބާރާތުގެ ޕަބްޖީ މޮބައިލްއިން އެއްވަނަ ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑްގެ ޓީމެވެ. އަދި މޮބައިލް ލެޖެންޑްސް ބޭންގް ބޭންގް މުބާރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ޗެމްޕިއަންކަން ހޯދާފައިވާއިރު، އީއޭއެފްސީއިން އެއްވަނަ ހޯދާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޖަނާން މުހަންމަދުއެވެ.
މިއީ އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްއެވެ. މިމުބާރާތުގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އީސްޕޯޓްސް އިތުރަށް ކުރިއަރާ، ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަން ދައްކާލުމަށް މަގުފަހިވެގެންދާކަމަށް އުރީދޫއިން ބުނެއެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއިން ޑިޖިޓަލް ފުރުސަތުތަކެއް ފަހިވެ، އުފެއްދުންތެރިކަމަށް ދޮރުތަކެއް ހުޅުވިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ ނޭޝަންއިން އިސްނަގައިގެން އީސްޕޯޓްސްގެ ގިނަ މުބާރާތްތަކެއް އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން އަންނަނީ ބާއްވަމުންނެވެ. އެގޮތުން އަހަރުގެ ކުރިއަށް އޮތް ދުވަސްތަކަށްވެސް މިފަދަ އިތުރު މުބާރާތްތައް ރާވާފައިވާކަމަށް އުރީދޫއިން ވަނީ މައުލޫމާތުދީފައެވެ.