ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ. މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުން ވިދާޅުވެއެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.
ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވާއިރު އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދައުރުގެ ތެރޭގައި 6 ޤަރާރެއްގެ މަސައްކަތް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ދައުރު ނިންމާލިއިރު އެއްވެސް ޤަރާރެއްގެ މަސައްކަތް ނުނިމެއެވެ. އަދި މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 11 މައްސަލައެއް ހުށަހެޅުއްވިއިރު އޭގެ ތެރެއިން 8 މައްސަލައެއްގެ މަސައްކަތް ދައުރުގެ ތެރޭގައި ވަނީ ނިންމާފައެވެ.
ދެވަނަ ދައުރުގައި ރިޔާސަތުން ހުށަހެޅުއްވި 5 މައްސަލައިގެ ތެރެއިން 2 މައްސަލައާއި މެންބަރުން ހުށަހެޅުއްވި އެއް މައްސަލަ އަދި އެހެނިހެން މައްސަލަތަކާ ގުޅޭ 2 ރިޕޯޓެއްގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ނިމިފައިވާ ކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މި ދައުރުގެ ތެރޭގައި 6 ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ހުރިހާ މައްސަލައެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އަދި ތަޅުމަށް ހުށަހެޅި އިމްތިޔާޒުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
މި ދައުރުގެ ތެރޭގައި ވަޒީރުންނާ ކުރެއްވުމަށް މެންބަރުން ވަނީ 77 ސުވާލު ހުށަހަޅުއްވާފައެވެ. ނަމަވެސް ދައުރު ނިމުނުއިރު މަސައްކަތް ނިމިފައިވަނީ 8 ސުވާލުގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހުގައެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.