ޚަބަރު

ލޯންގްކޯސް 100 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ލޫތު މުގުރާލައިފި


ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ލޫތު މުޙައްމަދު ހުސައިން މުގުރާލައިފިއެވެ.

ލޫތު މި ރިކޯޑު މުގުރާލީ ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް އައްޒާމް އިބްރާހީމެވެ. އެ ފަހަރު މި އިވެންޓް މުބާލް ފުރިހަމަކޮށްފައިވަނީ އެއް މިނެޓު 14.58 ސިކުންތުންނެވެ.

މީގެ އިތުރުން ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑުވެސް ލޫތު ވަނީ މުގުރާލާފައެވެ. ލޫތު މި ރިކޯޑު މުގުރާލީ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ފެތި 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 32.67 ސިކުންތުން ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލްއެވެ. އެ ފަހަރު އޭނާގެ ވަގުތަކީ 33.24 ސިކުންތެވެ.