ޚަބަރު

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި


  • މިއީ އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް

  • ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ވަޒީރު

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މީގެ އިތުރުން، ތޮއްޑޫ ކައުންސިލުގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތޮއްޑޫގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.