ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 7 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމައަށެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، އެ ކޮމިޝަނުގެ ހަތަރު މެންބަރުންގެ މަޤާމުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައެވެ.
5 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.