ޚަބަރު

މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު ޝިޔާމް


  • 24 އަހަރުން ދަށުގެ މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ 5 ޒުވާނުންނަށް ވަނީ ފުރުސަތުދީފައި

  • ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް އެ ވުޒާރާއިން ފަށްޓަވާފައިވާ ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއްކަމަށެވެ. ސަބަބަކީ ވޭތުވެދި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތާއި ދޭތެރޭ އަމަލުކޮށްފައިވާ ގޮތުންނާއި ސިޔާސީ ބޭނުމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވި ޒުވާނުންނަށް ކުޑަ މުސާރައެއްދިނުންކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި ޒުވާނުން މަސްވެރިކަމުގެ ސިނާއަތުން ވަރަށް ބޮޑަށް މަދުވެގެން ދިޔަ މަންޒަރު ފެނިގެންދިޔަކަމަށެވެ.

މިކަމަށް ހައްލެއް ގެނެސް މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތެރިވި ޒުވާނުން އަނބުރާ ސިނާޢަތަށް ނެރެ މަސްވެރިންނަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ފެށި ތަމްރީނު ޕްރޮގްރާމުން ފެނިގެންދިޔައީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ދޯނި ފަހަރުން މިކަމަށް އޮތް ޝައުގުވެރިކަންކަމަށެވެ. އަދި ދިވެހި ޒުވާނުން އޮޑިފަހަރަށް އެރުވުމަށް އޮޑިވެރިންނާއި ކެޔޮޅުން މަސައްކަތް ކުރާތަން ފެނިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިޕްރޮގްރާމްގެ ބޭނުމަކީވެސް މި ސިނާޢަތުގައި ޒުވާނުންގެ ހަރަކާތްތެރިވުން އިތުރުކުރުންކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަަމަށެވެ. އެގޮތުން މިސިނާޢަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

" ގަބޫލުކުރާ ގޮތުގައި ނަތީޖާ ވަރަށް ރަނގަޅު. ރައީސްގެ އޮތީ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް އަނބުރާ ގެނެވޭނެ ވަރުގެ މެނިފެސްޓޯއެއް. މި ޕްރޮގްރާމްގެ އިތުރުންވެސް މެރިކަލްޗަރ ޕްރޮގްރާމްތައް ވަނީ ހިންގިފައި. މެރިކަލްޗަރ 3 ޕްރޮގްރާމްގައި ވެސް ގިނަ ޒުވާނުން ބައިވެރިވި. އޭގެތެރޭގައި އަންހެން ބޭފުޅުންވެސް ހިމެނޭ. ރައީސް ކުރެއްވި އެންމެ މުހިންމު ކަމަކީ މަސްވެރިން ބާނާ މަހަށް ފައިސާ ލިބޭނެ ގޮތް ހެދުން. މިކަމުގެ ސަބަބުން އޭގެ ހެޔޮބަދަލުން ދަނީ ފެންނަމުން. މިއީ ޒުވާނުން ޝައުގުވެރިކުރުމަށް ރައީސް ކުރެއްވި އެންމެ މުހިންމު މަސައްކަތް" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފަށާފައިވާ މިޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހާއި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގަައި މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ 24 އަހަރުން ދަށުގެ 5 ޒުވާނަކަށް ވަނީ ފުރުސަތުދީފައެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.