ޚަބަރު

ތޮއްޑޫ މާސްޓަރސް ޓީޓީ: އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން އިންޑިއާ، ޗައިނާ، ތައިލެންޑް އަދި ރަޝިއާގެ ކުޅުންތެރިންނަށް


އއ. ތޮއްޑޫގައި ބޭއްވި ފުރަތަމަ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން އިންޑިއާ، ޗައިނާ، ތައިލެންޑް އަދި ރަޝިއާގެ ކުޅުންތެރިން ހޯދައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ ދުވަހު ކުޅެވިގެންދިޔައީ އޯޕަން ކެޓަގަރީގެ މެޗުތައް އެކަންޏެވެ. އެއީ 60 އަހަރުން މަތީގެ ބައި އަދި 35 އަހަރުން ތަމީގެ ބައިގެ އަންހެން ފިރިހެން ވަކިންނެވެ.

މިގޮތުން 60 އަހަރުން މަތީގެ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޗައިނާގެ ވަންގ ޒިކާންއެވެ. މިކެޓަގަރީގެ އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ މަންތު މުރްމޫއެވެ.

35 އަހަރުން މަތީގެ ކެޓަގަރީއިން ފިރިހެނުންގެ ޗެމްޕިއަންކަން ހޯދީ ރަޝިއާގެ ޖޯޖީ ވަޙީނިންއެވެ. އަދި މިބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ތައިލޭންޑުގެ ޓަންޔަޕޯން ޗިންރަކްސާއެވެ.

މުބާރާތުގައި ބައިވަރުވި ހުރިހާ ކުޅުންތެރިންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން އިވެންޓްގައި ޖުމްލަ 17 ގައުމަކުން 73 ކުޅުންތެރިން ބައިވެރިވެ އަންހެން 16 އަދި ފިރިހެން 58 ކުޅުންތެރިން ވާދަކުރިއެވެ.
ހެނދުނު 9ން އިރުއޮއްސި 7 އަށް 149 މެޗު ކުޅުނެވެ.

ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަކީ ވެޓެރަންސް ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަ އުމުރުފުރައަކުން ކުޅުންތެރިންވާދަކުރެއެވެ. އޭގެ ތެރޭގައި 35 އަހަރުންމަތި، 40 އަހަރާ 49 އަހަރާ ދެމެދު، 50 އަހަރާ 59 އަހަރާ ދެމެދު، 60 އަހަރާ 64 އަހަރާ ދެމެދު، 65 އަހަރާ 69 އަހަރާ ދެމެދު އަދި އޭގެ އިތުރުން 70 އަހަރުންމަތީގެ އުމުރުފުރާ ހިމެނެއެވެ.

މި މުބާރާތުގައި 17 ގައުމަކުން ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި އިންޑިއާ، ރަޝިއާ، ޗައިނާ، ޖަރުމަން، ސްޕެއިން، ނިއު ޒީލަންޑް އަދި އެމެރިކާއިން ބައިވެރިވެއެވެ.

ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓެގަރީތައް ހިމެނޭނެހެން ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތޮއްޑޫ ސްކޫލުގައެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ޓީޓީ މުބާރާތެވެ.

ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތަކީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީއިން ގުޅިގެން އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. އަދި މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ މުބާރާތެކެވެ.