އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ މައުލޫމާތު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ.މާޅޮސް/ ލީލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ.މާޅޮސް / ފިނިވާގޭ، އަހުމަދު ފާރިސް (27އ) އަދި އއ.މާޅޮސް/ ފިޔަ، އަހުމަދު އާޝިދު (27އ) ކަމަށެވެ. މި 3 މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައިވަނީ ބުރާސްފަތިދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި އަހުމަދު އާޝިދު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިކަމާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެކަމަށެވެ.
65 އަހަރުގެ ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ޙިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.