ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 22ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފެއަރ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހާއި ހަމައަށް ޗައިނާގެ ޓިއަންޖިންގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ބައިވެރިވުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޗައިނާ ސަރުކާރުން ހިއްސާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން، މި ފެއަރގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 08 މީހުންގެ ބޫތު ފީ އަދި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން ހިލޭ ފޯރުކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއަރއެކެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.