އޭނާއަށް އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބު ދެވިއްޖެ ކަމަށް އާސެނަލްގެ ފޯވާޑް ވިކްޓަރ ޔޯކެރެޝް ބުނެފިއެވެ.
ސްވިޑްންގެ 27 އަހަރުގެ ފޯވަޑް މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް ލީޑްސް ޔުނައިޓެޑް އަތުން އާސެނަލް 5-0 އިން މޮޅުވި މެޗުގައި ފަހު ދެ ގޯލު ޖަހައިގެންނެވެ. ޔޯކެރެޝްގެ ފަހު ގޯލަކީ ލިބުނު ޕެނަލްޓީ އެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ވަރަށް ގިނަ ބަޔަކު އޭނާ އަށް އާސެނަލްގައި ގޯލުތަކެއް ނުޖެހޭނެ ކަމަށް ބުނެ ވާހަކަ ދެއްކި ކަމަށާއި މި މެޗުގައި ގޯލު ޖަހާފައި ބޮލުގައި އޭނާ އަތްކާއްތާލީ އެފަދަ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.
"އާނ. ތިހެން ވެދާނެ. އަހަރެން މި ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފާފައި. މިރޭ އަހަރެން މި ޖެހީ ދެ ގޯލު. އަދިވެސް އަހަރެންނަށް ފުރުސަތު ލިބޭނެ. އަހަރެން އަދިވެސް ގޯލު ޖަހާނަން،" ޔޯކެރެޝް ބުންޏެވެ.
ޕޯޗުގަލްގެ ސްޕޯޓިން ކުލަބުގައި 102 މެޗުން 99 ގޯލު ޖެހި ފޯވަޑް ބުނީ ފާޑުކިއުންތަކާމެދު އޭނާ އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށެވެ.
މި މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ބުނީ އާސެނަލް އަންނަނީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރަމުން ކަމަށެވެ. ނަމަވެސް ފޯވަޑް ބޮކަޔޫ ސަކާ އަށް އަނިޔާވުމުން ކޯޗު ހުރީ ވަރަށް ކަންބޮޑުވެފަ އެވެ.
އަހަރެންނަށް އަދި ޑޮކްޓަރުގެ ރިޕޯޓެއް ނުލިބޭ. ފަހަރުގައި އޭނާ ދިގު މުއްދަތަކަށް އަނިޔާގައި ހުންނަން ޖެހިދާނެ. އެކަމަކު އެކަން ޔަގީންވާނީ ޑޮކްޓަރުންގެ ދޭ ރިޕޯޓަށް ބަލާފައި،" ކޯޗު ބުންޏެވެ.
ސަކާ އަށް އަނިޔާވިއިރު ކައި ހަވަޓްޒް ވެސް ވަނީ ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އަދި ފޯވަޑް ގަބްރިއަލް ޖެސޫސް މިހާރު ވެސް ހުރީ އަނިޔާގަ އެވެ. މިހެންވެ މި އެންމެން ނެތްތަން ފޫބައްދަން ހުރި ކުޅުންތެރިއަކީ ޔޯކެރެސް އެވެ.
"އަހަރެންނަށް އެނގޭ އާސެނަލްގައި ވަރަށް ޕްރެޝަރުވާނެކަން. އަހަރެން މިހުރީ މި ޕްރެޝަރު ނަގާގޮތަށް. އަހަރެން އަދިވެސް ކުޅުން ރަނގަޅު ކުރާނަން. އެންމެ މުހިންމު ކަމަކީ ގޯލު ޖެހުން،" ޔޯކެރެޝް ބުންޏެވެ.