ކުލަބުތަކުން ފަށާފައިވާ ޕްރީ-ސީޒަންގައި އޮޑި ސްޕޯޓްސް ކުލަބުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަޙްމަދު ނޫމާން (ހެލްމެޓް) އާއި ހައިޝަމް ރަޝީދު (ހައި) ނުފެންނާނެ ކަމަށާއި، އަނިޔާގެ ސަބަބުން ދިވެހި ޕްރިމިއަރ ލީގުގައި އެ ދެ ކުޅުންތެރިންނަށް ނުކުޅޭވެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އޮޑި ސްޕޯޓްސް ކުލަބުގެ ސެކެއްޓްރީ ޖެނެރަލް އަލީ ޝިފާޒް ބުނީ އެ ކުލަބުން އައު ސީޒަނަށް ތައްޔާރުވާއިރު އެންމެ ބޮޑު ދެރައަކީ ނޫމާން އާއި ހައިޝަމަށް މި ބްރޭކްގެތެރޭގައި އަނިޔާވުން ކަމަށެވެ. އަދި ސާޖަރީއަކަށް ދާންޖެހޭތީއާއި ރިކަވަރީއަށް މަދުވެގެން 6 މަސް ނަގާނެ ކަމަށެވެ. އެހެންކަމުން މި ސީޒަނުގައި އެ ދެ ކުޅުންތެރިންނަށް ޑިޕެންޑް ނުވާނެ ކަމަށް ޝިފާޒް ބުންޏެވެ.
ސެޕްޓެމްބަރު 15 ގައި ޗެރިޓީ ޝީލްޑް މެޗުނަ ފުޓްބޯޅަ ސީޒަން ފަށާއިރު ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން މި ހަފްތާގައި ހަތަރު ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށްވެސް ޝިފާޒް ބުންޏެވެ.
އެގޮތުން ލީގުކަޕްގައިވެސް އެޓީމަށް ކުޅުނު މިސްރުގެ އިސްލާމް މި ސީޒަނުގައިވެސް އެ ކުލަބުގައި ހުންނާނެއެވެ. މީގެ އިތުރުން ލިތުއޭނިއާގެ ފޯވާޑަކާއި ގެންބިއާގެ މިޑްފީލްޑަރަކާއި ނޭޕާލްގެ ގައުމީ ޓީމުގެ ޑިފެންޑަރެއް މި ހަފްތާތެރޭގައި ޓީމާއި ގުޅޭނެކަމަށް ޝިފާޒް ބުންޏެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން ސްކޮޑް ވަރުގަދަ ކުރުމަށް ބައެއް ދިވެހި ކުޅުންތެރިން ހޯދުމަށްވެސް މަޝްވާރާ ކުރަމުންދާކަމަށާއި ބައެއް ކުޅުންތެރިންގެ ރިލީޒް ހޯދުމުގެ ކަންކަން ނުނިމި ހުރުމުން އެއީ ކޮން ކުޅުންތެރިންނެއްކަން މިވަގުތު ހާމަނުކުރާނެ ކަމަށް ޝިފާޒް ބުންޏެވެ.
ލީގުކަޕްގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އަދި އެއްވެސް ކުޅުންތެރިއަކު ޓީމުން ދޫކޮށް ނުލާކަމަށާއި އެހެންނަމަވެސް ޕްރިމިއާ ލީގަށް ކުލަބު ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން އެހެން ކުލަބުތަކާ ގުޅުމަށް ރިލީޒްކޮށްދީފަވާނެ ކަަމަށް ޝިފާޒު ބުންޏެވެ.
އޮޑީގެ އެސިސްޓެންޓް ކޯޗު ފައްރަހް (ފައްރަ) ބުނީ މިވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވާ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކަމަށް ފެންނަ ކަމަށާއި ގިނަ ދުވަސްތަކަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް ނިކުންނައިރު ކުޅުންތެރިންގެ ފަރާތުން ފެންނަނީ އެހެންޏާ ނުފެންވަރުގެ ޖޯޝެއް ކަމަށެވެ.
އޮޑީގެ ފަރިތަކުރުންތަކުގައި ކުޅުންތެރިން ފެންނަނީ ވަރަށް އެކްސައިޓް ވެގެން ވަރަށް ފޯރީގަައި ފަރިތަކުރާ ކުރާތަން ކަމަށާއި މި ސީޒަނަކީ އޮޑިއަށް ފުދޭވަރަކަށް ރަނގަޅު ސީޒަނަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށް ފައްރަހް ބުންޏެވެ.
އޮޑި ސްޕޯޓްސް ކުލަބަކީ މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބެކެވެ. އެ ކުލަބަކީ ދެވަނަ ޑިވިޝަނުގެ އެންމެފަހުގެ ޗެމްޕިއަނެވެ. އެ ކުލަބުގެ ހެޑް ކޯޗަކަށް ހަމަޖައަސާފައިވަނީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާއެވެ.