މެންޗެސްޓާ ޔުނައިޓެޑް މި ސީޒަނުގައި ކުޅުނު މެޗުތަކުން މިހާތަނަށް މޮޅުނުވެވިފައިވަނީ މާބޮޑަށް ދިފާއަށް އިސްކަންދޭތީ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 1-1އިން އެއްވަރުވުމުންނެވެ. އޭގެ ކުރިން އާސެނަލް އަތުން ބަލިވީ 1-0އިންނެވެ.
އަމޮރިމް ބުނީ މި ސީޒަނަށް ރަނގަޅު ހޭދައެއް ކުރި ޓީމު މާބޮޑަށް ދިފާއު ކުރަނީ ކަމަށެވެ.
"މިއަށްވުރެ ގަޔާންވެގެން އަދި މިއަށްވުރެ ވިސްނުންތެރިކަމާއެކު ކުޅެން އެބަޖެހޭ. މާބޮޑަށް ދިފާއީކޮށް ވިސްނާތީވެ އަހަރުމެންނަށް ބައެއް ފަހަރު ގޯސް ހެދޭ. (ފުލަމް މެޗުގައި) ލީޑް ލިބުމުން ދެން ތިބެވުނީ. މިގޮތަށް ނުވެ އަހަރުމެން އެބަޖެހޭ މެޗު ނިންމަން ހިފަން،" ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ހުސްވި ސީޒަނުގައި ޓޭބަލުގެ 17 ވަނާގައި ނިންމާލި ޓީމަށްވުރެ ހުރިހާ ގޮތަކުން ވެސް ޔުނައިޓެޑް ކުރިއަރައިފި ކަމަށެވެ.
"އަހަރެންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުޅި ހަފުތާގައި ވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރުމުން. ކުރިއަރަން މަސައްކަތް ކޮށްފި. ވަރަށް ރަނގަޅު ޕްރެކްޓިސް ތަކެއް ކުރެވިއްޖެ. އެހެންވީމާ އަހަރެން މިހުރީ ވަރަށް އުއްމީދުގައި ކުރިއަށް ހުރި މެޗުތައް ރަނގަޅުވާނެ ކަމަށް،" ކޯޗު ބުންޏެވެ.
ފުލަމް މެޗުގައި ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އަތުން ޕެނަލްޓީ ވަނީ ކާމިޔާބުވެފަ އެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަމޮރިމް ބުނީ ފެނާންޑޭޒް ހުރީ ވަރަށް ޕްރެޝަރުގައި ކަމަށެވެ.
"އެހެންޏާ އޭނާ އަކީ ރަނގަޅަށް ޖަހާ ކުޅުންތެރިއެއް. އެކަމަކު އަހަރުމެންނަށް މި ވާގޮތަކީ މާބޮޑަށް ފަހަތަށް އަދި ކުރިން ވެފައިހުރި ކަންކަމާ ވިސްނެނީ. ދެން ވެދާނެ ގޮތަކާމެދު މާބޮޑަށް ފިކުރު ކުރެވެނީ. މިހެންވެ މާބޮޑަށް ޕްރެޝަރަށް ދަނީ. މިއަށްވުރެ ބޮޑެތި މީހުންގެ ގޮތުގައި ވިސްނަން ޖެހޭ،" ކޯޗު ބުންޏެވެ.
ޕްރެމިއާ ލީގުގައި ޔުނައިޓެޑް ދެން ޕްރެމިއާ ލީގުގައި އޮތީ ބާންލޭއާ ދެކޮލަށް މި މަހުގެ 30 ވަނަ ދުވަހު ކުޅޭ މެޗެވެ.