ހދ. ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙިކޮށްފިއެވެ.
މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހދ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހދ. ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް އެރަށުގައި ބޭއްވި ރަސްމީއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާޢި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޗެއަރމަން އަބްދުﷲ ފާއިޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި ބޭންކުގެ ޗެއަރމަން އަހުމަދު އަލީ ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
ނާގޯށީގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހދ. ނައިވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެމްޓީޑީސީއާއި ހަވާލުކޮށްފައިވާ ނާގޯށީގެ މަސައްކަތް ކުރިއަށް ގެންދޭވެނެ ގޮތް ހައްދަވާފައިވާ ކަމަށާއި މަޝްރޫޢު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ތްރީކް ކުންފުންޏަށެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވި، އޮވެ 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ. އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތާއެކު މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ފައިނޭންސިން ހަމަޖައްސަވާފައެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ މިމަޝްރޫޢުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަޝްރޫޢޫގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެމްބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"ޑިސެމްބަރަށް ނިންމާނީ 183 ކޮޓަރި އެހެންވީމަ. އޭގެ ތެރޭގައި ބީޗް ވިލާސް، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ކެޓަގަރީއެއްގައި ހިމެނިގެންދާނެ ކޮޓަރިތައް. އެގޮތަށް ތަރައްޤީކުރަނީ." ނިޔާޒު ވިދާޅުވިއެވެ.
ނާގޯށި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް، އެމްޓީޑީސީން ވިދާޅުވެފައިވާއިރު، މިރަށަކީ ރާޢްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރަށްކަން ފަހަގަކޮށްލެވެއެވެ. އެމްޓީޑީސީން ވިދާޅުވީ މިމަޝްރުޢޫގެ މަސައްކަތް ނިންމާލާއިރު މި ރަށުގައި 600 އެއްހާ ވަޒީފާ އުފެދޭނެ ކަމަށާއި އޭގެ ސަބަބުން މުޅި ހދ. އަތޮޅަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. ކުރިއަށް އޮތް އަހަރު ތެރޭގައި މިރަށަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައި ތަމްރީނުތައް ދިނުމުގެ މަސައްކަތްވެސް ފައްޓަވާނޭކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.
އެމްޓީޑީސީން ވިދާޅުވީ ނާގޯށި އޮޕަރޭޓް ކުރުމަށް އިންޓަނޭޝަނަލް ބްރޭންޑެއް ހޯދައި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.