ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ކަމަށް ބެލެވޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ސޮއިކޮށްފިއެވެ.
އެންމެ ފަހުން ނިމުނު ސީޒަނުގައި މާޒިޔާއަށް ކުޅެ، މި އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައިވެސް މާޒިޔާއަށް ކުޅުނު ސެންޓޭ ނިއު ރޭޑިއަންޓަށް ބަދަލުވީ، މާޒިޔާއިން އޭނާގެ އެއްބަސްވުން އައުކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
މިއީ ސެންޓޭ ނިއު ރޭޑިއަންޓަށް ކުޅެން ސޮއިކުރި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.
ބ. އަތޮޅު އޭދަފުއްޓަށް ނިސްބަތްވާ ސެންޓޭ އަކީ އޭވައިއެލްއިން ފާހަގަވެ، ފަހުން ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސްގައިވެސް މޮޅަށް ކުޅުނު ފޯވާޑެކެވެ.
އޭނާގެ އިތުރުން ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓުން ފެންނާނެ އެންމެ މަޝްހޫރު ފޯވާޑަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ނިއު ރޭޑިއަންޓަށް ސެންޓޭ ސޮއިކުރިކަން އެ ކުލަބުން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، ޗެއާމަން އަޙްމަދު މުބީން ވަނީ އެކަން ނުރަސްމީކޮށް އިއުލާންކޮށްފައެވެ.