ހދ. މަކުނުދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު އާއި އެ ރަށު ކައުންސިލްގެ ރައީސް އައުޒަމް އާދަމްއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލްގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މަކުނުދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކީ އިންޑޯ ކުޅިވަރުތަކާއި، ބޯޑު ގޭމްތަކުގެ އިތުރުން ދެ ޖިންސަށް ޚާއްސަކުރެވިފައިވާ އެރޮބިކްސް ސްޓޫޑިއޯއެއްވެސް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ކުޅިވަރާ ގުޅުންހުރި ކޯސްތަކުގެ ތިއެރީ ކުލާސްތައް ހިންގުމަށް ވަކި ކުލާސްރޫމަކާއި މީޓިންގ ރޫމެއް މިތަނުގައި ހިމެނޭއިރު، އިދާރީ ބޭނުމަށް އޮފީހެއްވެސް މިތަނުގައި ގާއިމުކުރާނެއެވެ. މިއީ އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމުގެ އަމާޒާއެކު ހަވާލުކުރެވުނު މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މި މަޝްރޫއުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފަވަނީ މީގެ ތެރެއިން 63 މަޝްރޫއެއްގެ މަސައްކަތެވެ.