ޚަބަރު

ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި


  • ކޭސް މެނޭޖްމެންޓް ނިޒާމު ފަރުމާކުރީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް

  • ފަސޭހައިން މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު މިހާރު ކަށަވަރުކުރެވޭނެ

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށްޓަކައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް އިފްތިތާހުކޮށްފިއެވެ.

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުއެވެ. މި ނިޒާމު އުފެއްދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިންނެވެ. މި ނިޒާމު އެންމެ ފުރަތަމަ ބޭނުންކުރަން ފެއްޓެވީ ކްރިމިނަލް ކޯޓުގައެވެ.

ޑީޖޭއޭއިން ވިދާޅުވީ މި އިފްތިތާޙުކުރެވުނު ޑިޖިޓަލް ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަޞައްވުރުކަމުގައިވާ "ދިވެހިރާއްޖެ 2.0"ގެ ތަޞައްވުރަށް ވާޞިލުވުމުގައި މުހިންމު ދައުރެއްއަދާކުރާނެ އެއްޗެއްކަމަށެވެ. އަދި މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ޑީޖޭއޭއިން ވިދާޅުވީ ކޭސް މެނޭޖްމެންޓް ސިސްޓަމް ފަރުމާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެން ކަމަށާއި މި ނިޒާމު މެދުވެރިކޮށް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރު އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.

ޑީޖޭއޭއިން ވިދާޅުވީ ޑިޖިޓަލް ނިޒާމު މެދުވެރިކޮށް މައްސަލަ ރަޖިސްޓްރީކުރުމުގައި މައުލޫމާތުގެ ޞައްޙަކަންވެސް ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން މައްސަލާގައި ޝާމިލުވާ މީހުންގެ ވަނަވަރު ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެކަމަށްވެސް ޑީޖޭއޭއިން މަޢުލޫމާތު ދެއްވައެވެ.

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް އިފްތިތާޙުކޮށްފައިވާއިރު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެކުރިންވެސް ވަނީ ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯޓުތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށްފިނަމަ، ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.