ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު ކޯޗުންނާއި، ކުޅުންތެރިންގެ އިތުރުން ސްޕޮންސަރުން ތައާރަފުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ދިމްޔާތުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި އަލީ ސުޒެއިން ތައާރަފުކޮށްފަވާއިރު، އޭނާއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަންވެސް ދާދި ފަހަކާ ޖެހެންދެން ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭގެ އިތުރުން ސުޒެއިންއަކީ ނިއު ރޭޑިއަންޓުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ލެޖެންޑެކެވެ.
ސުޒެއިންގެ ދަށުން އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ނިއު ރޭޑިއަންޓުގައި މަސައްކަތްކުރާނީ އާފިއު މުޙައްމަދު ހާމިދު އަދި މުޙައްމަދު ފައިސަލްއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ކުޅުންތެރިންނަށް ބަލާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން، މާޒިޔާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު އިރުފާން (އިރޭ) ހިމެނެއެވެ. އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މީގެ ކުރިން ފާހަގަކޮށްލެވުނު މޮޅެތި ކުޅުންތެރިން ކަމަށްވާ މުޙައްމަދު ނިޒާމް (ޕީކޭ) އާއި އަހުނަފް ރަޝީދު އަދި މުޙައްމަދު ސަޚާއުވެސް ވަނީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފައެވެ.
ތަޖުރިބާކާރު ކޯޗު ސުޒެއިންގެ އިރުޝާދުގެ ދަށުން ވަރުގަދަ ސްކޮޑަކާއެކު ނިއު ރޭޑިއަންޓް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު، އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެއީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަން ސަސްއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންގުމާ ގުޅިގެންނެވެ.