ހއ. ދިއްދުއަކީ މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ދިއްދޫގެ އާބާދީއަކީ 5000 މީހުން ނަމަވެސް، ރަށުގައި ތަޢުލީމާ ސިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު އާބާދީ 7000އަށް އަރައެވެ.
އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކޭ އެއްގޮތަށް، ދިއްދުއަކީވެސް ރަނގަޅު ބޯހިޔާވަހިކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ.
2022ވަނަ އަހަރު ދިއްދޫގައި 75 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުއަށް ބަލާއިރު، މުޅި މަޝްރޫޢުގެ %90އެއްހާ މަސައްކަތް މިހާރު މިވަނީ ނިންމާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ފަންގިފިލާގެ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތްތަކުގައި ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިމިފަވާކަމަށެވެ. މިހާރު ކުރަމުންދަނީ އިމާރާތްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކެވެ.
"ފިނިޝިން މަސައްކަތް ދަނީ. މުށި ޖެހުމާ ކުލަލުމާ، މައިގަނޑުގޮތެއްގައި އެތެރޭގެ މަސައްކަތް ކުރިއަށްދަނީ. ހުރިހާ މަސައްކަތްތައް ނިންމާ، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް، މީހުންނަށް ތަންތަން ހަވާލުކޮށް ދިރިއުޅެވޭ ވަރުވާނެ." ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ރޯހައުސްތަކަށް އެދި ހުށައެޅުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ރޯހައުސް ލިބޭ މީހުންގެ ލިސްޓް ކަނޑައެޅުމާއި، އެތަންތަން ދޫކުރަނީ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިން، އެ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށްކަމަށެވެ.
"މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ފޯމުވެސް ބަލައިގެންފަވާނީ. އެ ފޯމަށް، މިނިސްޓްރީގެ އުސޫލާއެއްގޮތަށް ފްލެޓް ދޫކުރާނީ. ފްލެޓްތައް މުޅިން ނިމުމަކާ ގާތަށް ދިޔައީމަ، ދޫކުރާގޮތަށް މިނިސްޓްރީއިން ކުރިއަށްގެންދަނީ." ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމް ހިމެނެއެވެ.
އެސްޖޭ ކޮންސްޓްރަލްޝަންއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދަނީ، 120 މިލިޔަން ރުފިޔާއަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، މި 75 ޔުނިޓާއެކުވެސް ދިއްދޫގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ނުލިބޭނެކަމަށެވެ. މި ސަރުކާރުން އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހއ.ދިއްދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް ވަނީ އިޢުލާނުކޮށްފައެވެ. މި މަސައްކަތަށް ބޭނުންވާ ބިން މިހާރު ސަރުކާރާ ހަވާލުކޮށްފައިވާކަމަށް ދިއްދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެރަށުގައި 2008ވަނަ އަހަރު ބިން ހިއްކާ، މީގެކުރިން 250 ރޯހައުސް ދޫކުރިއިރު، އެ ބޯހިޔާވަހިކަމަށް އެދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ކުރިމަތިލިއެވެ.