ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޒަމާންވީ ބަނދަރު މައްސަލަ ހައްލުކުރުމަށް، ރަށުގެ އެހެން ސަރަހައްދެއްގައި ރައްޔިތުން އެދޭގޮތަށް އައު ބަނދަރު ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުމުންދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެތެރޭގައި އެންމެ ބޮޑަށް އެމަނިކުފާނަށް ކުރިން އުޅުއްވިފައިވަނީ ބަނދަރު މަސައްކަތުގައިކަމަށެވެ. ކުރިން ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު، ބަނދަރާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވަނީ ބަނދަރު އޮތް ސަރަހައްދުގެ ސަބަބުން އަދިވެސް އެ މައްސަލަ ހައްލުވެފައިނުވާކަމަށް ވިދާޅުވެފައެވެ. އެމައްސަލައަށް ދާއިމީ ހައްލެ ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ޒިންމާކަމަށާއި، އެހެންކަމުން ރައްޔިތުން އެދޭތަނެއްގައި ރައޔްިތުން އެދޭގޮތަށް ގިނަވެގެން 2 މަސްތެރޭ އެ މަޝްރޫޢު ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި އެ މަޝްރޫޢު މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ގެންގޮސް ނިންމަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ރަށުގެ ތަރައްޤީއަށް އެންމެ ދަތިވެފައިވާ މައްސަލަ. އެމައްސަލަ ސަރުކާރުން ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ދެން. މިއާއެކު މިކަމާ ގުޅިގެން އިތުރު މައްސަލަތައްވެސް ޙައްލުކޮށްދޭން އިސްކަންދޭނަން. އެގޮތުން މޫދަށް އެރޭ ސަރަހައްދެއް މި މަޝްރޫޢުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނަކަމުގެ ޔަޤީންކަންދެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ ކުމުންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ވަސީލަތްތައް ތަރައްޤީކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ.
އެމަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސްވަނީ ކުމުންދޫފަދަ ބިން ބޮޑު ރަށެއްގައި މަގުތައް ހެދުމަކީ ރައްޔިތުންނަށް ފަސޭހަވެ އިޤްތިޞާދީގޮތުން ކުރިއަރައި ވިޔަފާރިތަކަށްވެސް ކުރިއެރުން އަންނާނެކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ސްކޫލަށް އިތުރުކުރެވޭ މަލްޓިޕާޕަސް ހޯލުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ދެމަސްތެރޭ ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހޯލުގެ މަޝްރޫޢު ކުރިއަށްދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ސްކޫލަށް ބޭނުންވާ އިތުރު ޖާގަ ހިމަނާނެކަމަށާއި އެގޮތުން ސްޓާފްރޫމާއި ލެބްތައް ޤާއިމްކުރުން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ފެއްޓެވި ސިއްޙީ މަރުކަޒުގެ މަޝްރޫޢަކީ އެދާއިރާގެ ކުރިއެރުން ރަށަށް ގެނުވާނެ މަޝްރޫޢެއްކަމަށްވެސް ވިދާޅުވިއެވެ.
ކުމުންދޫ ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވަނީ އެއީ ކުރީގެ މަޝްރޫޢެއްކަމުން، އެމަޝްރޫޢުގެ ސްކޯޕްގައި ހުރިހާކަމެއް ނުހިމެނޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދުގެ ސަރުކާރުން ދަނޑުތަކުގެ މަސައްކަތް ހަވާލުކުރަނީ މުޅި ދަނޑުގެ ހުރިހާ ވަސީލަތެއް ޤާއިމްކުރުންކަމަށާއި، އެހެންކަމުން އިތުރު ކުންފުންޏަކާ ހަވާލުކޮށްގެން ކުމުންދޫގެ ފުޓްބޯޅަ ދަނޑު ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެރަށު ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ އެތަނުގެ ޓާފް އައުކޮށް، އިތުރު ތަރައްްޤީ ގެނެސްދޭނެ މަޝްރޫއެއް ހިންގަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ކުމުންދޫގައިވެސް އޭގެ ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުމުންދޫގެ ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި ކަރަންޓް އަޕްގްރޭޑުކުރުމާއި ކުނިމެނޭޖުކުރުންފަދަ ދާއިރާތަކުންވެސް މަޝްރޫއު ހިންގަވާނެކަމަށެވެ.
ކުމުންދޫގައި ހުންނަވާ، ހދ. އަތޮޅަށް ރައީސް ފެއްޓެވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްޤީ ފުރިހަމަކޮށްދިނުމަށް ރައްޔިތުންގެ އަޑުއަހައިގެން އެ އަމާޒަށް ވާސިލްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅުގައި އިއުލާންކުރެއްވި އަދި ފެއްޓެވި ކޮންމެ މަޝްރޫޢަކީ ކުރެވޭނެ ކަމުގެޔަޤީންކަމާއި އިންތިޒާމުތައް
ފުރިހަމަވެގެން ދެއްކެވި ވާހަކަފުޅުތަކެއްކަމަށެވެ. އަދި އަތޮޅުގެ ހުރިހާ ރަށަކަށްވެސް ތަރައްޤީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.