ކުޅިވަރު

ކުރިނބީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


ހދ. ކުރިނބީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާއަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން ކުރިނބީ ކައުންސިލުގެ ރައީސް ޢަބްދުﷲ އަސްލަމްއެވެ.

ހދ. ކުރިނބީގައި އަލަށް ގާއިމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފަމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުންވެސް ރަށްރަށަށް ބޭނުންވާނެ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްވިމިންގ ޓްރެކްތަކުގެ މަސައްކަތް ހިމެނެއެވެ.