އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަޙްމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އއ.މާޅޮސް/ ލީލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ.މާޅޮސް / ފިނިވާގޭ، އަހުމަދު ފާރިސް (27އ) އަދި އއ.މާޅޮސް/ ފިޔަ، އަހުމަދު އާޝިދު (27އ)އެވެ. މީގެ ތެރެއިން މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އަދި އަޙްމަދު އާޝިދު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. ފުލުހުން ވިދާޅުވީ އަޙްމަދު އާޝިދު އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
65 އަހަރުގެ ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.
ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ޙިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލައް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ.