"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާލުވީ މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމަށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ގިނަ ދިރާސާތަކެއް ކުރެވިފައިވާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.
"މިހާރު ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިހާތަނަށް މި ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، އަދި މިހާތަނަށް މިމަސައްކަތާއި ގުޅޭގޮތުން ބަންޑާރަ ނައިބު އޮފީހުގައި ކުރި މަސައްކަތްތަކާއި އަދި އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައިވާ އޮތް ބިލް އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ބިލު ނަގަން ޖެހޭ ކަމަކަށް." ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ މި ބިލު އަނބުރާ ގެންދަވަން ޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ސަބަބުތައްވެސް ހާމަކުރައްވާފައެވެ. މިގޮތުން ބަންޑާރަ ނައިބު އޮފީހަށް އެންމެ ފަހުން މީޑިއާތަށް ޤާނޫނީ ގޮތުން ތަމްސީލް ކުރާ މޯލްޑިވްސް މީޑީއާ ކައުންސިލުން 2022 ވަނަ އަހަރު ޑްރާފްޓްކޮށް ފޮނުވާފައިވާ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާއި މާބޮޑު ތަފާތެއް ނެތްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބިލެއް އެމްއެމްސީން ހުށަހަޅާނީ ކުރަން ޖެހޭ މަޝްވަރާތަކާއި ދިރާސާތައް ކުރެއްވުމެއް ފަހު ކަމަށް ޤަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެމްއެމްސީ ޑްރާފްޓް ކުރި ބިލާއި މިހާރު މަޖިލީހުގައި އޮތް ބިލާއި އަޅާކިޔުންވާ ބަންޑާރަ ނައިބު ފުރަތަމަ ނެންގެވި ނުކުތާއަކީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށްވާ ސަރުކާރު ތަމްސީލްކުރައްވާ މެންބަރުން ކޮމިޝަނުގައި ތިބުމެވެ. ބަންޑާރަ ނައިބު ވިދާޅުވީ، އޭރު އެމްއެމްސީން ހުށަހެޅި ބިލުގައި އަލަށް އެކުލަވާ ލެވޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ތިއްބައްވާނެކަން އޮންނަ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި އޮތް ބިލުގައި އިތުރު ފަށަލައެއް ހިމެނޭހެން މަޖިލީހުން ފާސްކުރާ މެންބަރުންތަކެއް ކޮމިޝަންގައި ތިއްބަވާ ގޮތަށް އޮތްކަން އުޝާމް ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރައީސަކު ކޮމިޝަނުގައި ހުންނަވަން ރައީސް ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހަށްވެސް އެކަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މިހާރު ހުށަހަޅާފައިވާ ބިލަށް ވުރެ ހަރުކަށިކޮށް އޮތް ބިލެއް އެމްއެމްސީން އޭރު ހުށަހަޅުއްވިކަން ބަންޑާރަ ނައިބު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖޫރިމާނާގެ އަދަދުތައް ބޮޑުކޮށް ހުރުމާއި، ނޫސްވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުރުސަތު ލިބޭގޮތަށް އެމްއެމްސީން އޭރު ހުށަހެޅި ބިލުގައި އޮތްކަމަށް ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް މިއޮތީ މީޑިއާ ކައުންސިލުން ހުށެހެޅުއްވި ބިލުގައި ތިބޭފުޅުން ހުށަހަޅުއްވާފައި، މީޑިއާތަކާއި ދޭތެރޭ ޖިނާޢި ފިޔަވަޅު އެޅޭގޮތަށް ހުށަހަޅުއްވާފައި. މިހާރު މަޖިލީހުގައި އޮތް ބިލުގައި އެފަދަ ކަމެއް ނެތް. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މަސައްކަތުން ހުށަހަޅާފައި އޮތް ބިލުގައި ވަކި އެކްސްޓްރީމް ކޮންކަމެއްތޯ އޭ އޮތީ. މިހާރު ތިބޭފުޅުން ފަރާތުން މީޑީއާ ކައުންސިލުން ހުށަހަޅާފައި އޮތް ބިލުގައި މައްޗަށް ބިނާކޮށް އޭގައި އެހުރި ބާރުތަކަށާއި ކޮމިޝަނުގެ ބާރުތަކަށް ބިނާކޮށް މިހާރު ހުށަހަޅާ އޮތް ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ." ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ، މިހާރު މަޖިލީހުގައި އޮތް ބިލު ދިރާސާ ކުރެއްވުމަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ފެންނަ ނަމަ، އެކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންގެ ފަރާތުންވެސް ބިލު އަނބުރާ ގެންދިއުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ބިލު ރަނގަޅު ކުރަން މަސައްކަތް ކޮށްދީ ނިޒާމު ރަނގަޅު ގޮތުގައި އިސްލާހުކުރުމަށް އެއްބާރުލުން ދިނުމަށް އޭޖީ އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި މިހާތަނަށްވެސް ބަންޑާރަ ނައިބު އޮފީހަށް، ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރަސްމީކޮށް ހުށަހަޅާފައި ނެތްކަން ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅުމުން އެކަން ބައްލަވާ އެކަން އިސްލާހު ކުރަން ފެނިވަޑަގަންނަވާނަމަ ހުށަހަޅުއްވާނެކަން ތަކުރާރުކުރައްވާފައެވެ.