 
										
			މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން 273 މައްސަލަ ނިންމާފައިވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. 
ދިވެހި ރާއްޖޭގެ ވަޒީފާގެ މައްސަލަތައް ބެލުމަށް ޤާނޫނީ ގޮތުން މަތިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށެވެ. އެ ޓްރައިބިއުނަލްގެ އޮޑިޓް ރިޕޯޓުގައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 277 މައްސަލަ ޓްރައިބިއުނަލް ހުށަހަޅާފައިވެއެވެ. އޭގެ ކުރީއަހަރު 200 މައްސަލަ ހުށަހެޅިއިރު މިއީ 38.5 އިންސައްތަ ކުރިއެރުމެކެވެ. 
ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 273 މައްސަލަ ބަލާ ވަނީ ގޮތެއް ނިންމާފައެވެ. ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އޮޑިޓް ރިޕޯޓުތަކުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރު 280 މައްސަލަ ނިންމިއެވެ. މިއީ 2.5 އިންސައްތައިގެ ދަށް ވުމެކެވެ.
މިވޭތުވެ ދިޔަ އަހަރުތަކުގައި ހުށެހެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ގޮތެއް ނުނިންމި 244 މައްސަލަ އޮތް ކަމަށް އޯޑިޓް ރިޕޯޓުން ދައްކައެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް ވެސް ހިމެނޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެ އަހަރު ގޮތެއް ނުނިމި އޮތީ 124 މައްސަލައިގައެވެ. 
		
 
					
									
			އޮޑިޓަރ ޖެނެރަލް އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓުގައި މާލީ ކަންކަންވެސް ހިމަނާފައިވެއެވެ. އެ އޮފީހުން ވިދާޅުވީ މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ޚަރަދުތައް ކޮށްފައިވަނީ ކަނޑައެޅިފައިވާ ބަޖެޓާއި އެއްގޮތަށް ޤަވާއިދުތަކުގެ ތެރެއިން ކަމަށެވެ.
ވަޒީފާއާއިބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މުޢައްސަސާއެކެވެ. ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލުގައި އިދާރީ ހިންގުމަށް ރައީސެއް އަދި ނައިބު ރައީސެއް އައްޔަންކޮށްފައި ވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ބެލުމުގެ މަޤްޞަދުގައި އުފައްދާފައިވާ މުއައްސަސާއެކެވެ.