ރާއްޖޭގައި ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރާއިރު، ހުރިހާ ރޮނގުތަކުގައި މަސައްކަތްކުރާ އިންޖިނޭރުންގެ އަގު ވަޒަންކުރައްވާނެކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ އިންޖިއަރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. 
ޢިމާރާތްކުރުމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި އިންޖިނޭރުން އަދާކޮށްފަވާ ބޮޑު ޙިއްސާ މިހާތަނަށް ފާހަގަކުރަމުން އައިސްފައި ނުވާކަމަށެވެ. އެގޮތުން އިމާރާތްކުރުމާއި ރާއްޖޭގެ އެކި ސިނާއަތްތަކުގައި އިންޖިނޭރުންގެ މަސައްކަތަކީ، ޚިދުމަތްތައް ނުހުއްޓި ރައްޔިތުންނަށް ދިނުމުގައި ބޮޑު ދަޢުރެއް އަދާކުރާ ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތާއި އިންޖީނާއި އުޅަނދުފަހަރު މަރާމާތުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގައިވެސް، ދިވެހި އިންޖިނޭރުންގެ އަގުނުކުރެވޭފަދަ ޚިދުމަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
		
										
			އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި ދުވަސް ފާހަގަކުރަނީ ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި އިންޖިނޭރުންގެ ދަޢުރު ފާހަގަކުރުމަށްކަމަށެވެ.
"އާއްމުންނާ ސްކޫލް ދަރިވަރުންގެ މެދުގައި މީގެ ޝައުގުވެރިކަން އުފައްދާ، މި ދާއިރާއަށް ގިނަ ބަޔަކު ނެރެން ބޭނުންވޭ. އިންޖިނޭރުންނަކީ އެކި ދާއިރާތަކުގައި ޚިދުމަތް ކުރެވޭނެ ބައެއް. އެ ޙިއްސާ ސަރުކާރުން ފާހަގަކޮށް، ކުރިއަށްދާން ބޭނުންވަނީ." އިމާރާތްކުރުމާ ބެހެ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވިއެވެ. 
ވަޒީރު ވިދާޅުވީ ރާއްޖެ ތަރައްޤީވެގެންދާއިރު، މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުންވެގެންދަނީ، މި ދާއިރާއަށް ދިވެހިން އިތުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް އަދި ފުރުޞަތަކަށްކަމަށެވެ.
		
Minister of Construction, Housing, and Infrastructure Dr. Abdulla Muththalib briefly spoke on the Maldives' first National Engineers’ Day, highlighting its significance.#MvEngineersDay pic.twitter.com/VgXgNdohtg
— Ministry of Construction, Housing & Infrastructure (@MoCImv) August 30, 2025
			ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް އަންނަ އަހަރުން ފަށައިގެން އިންޖިނިއަރުންނަށް ޤައުމީ ފެންވަރުގައި އިނާމު ދެއްވުމަށްވެސް ނިންމަވާފައެވެ. އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. 
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.