ޚަބަރު

ތައުލީމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ނޭޕާލާއެކު މަޝްވަރާކުރައްވައިފި


  • ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނެވި ތަރައްގީ ކުރިއެރުވުމަށް މަޝްވަރާކުރެއްވި

ތައުލީމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ނޭޕާލާއެކު ރާއްޖޭން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާ ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއާ ބައްދަލުކުރައްވައެވެ.

ޗައިނާގެ ޓިއާންޖިން މެއިޖިއަންގ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާ އާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނެވި ތަރައްގީ ކުރިއެރުވުމަށްވެސް މަޝްވަރާތައް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމަށް މަންފާ ކުރާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.