ކުޅިވަރު

ބާސްކެޓް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދި ބައުސް ހޯދައިފި


35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ދި ބައުސް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. ބައުސް ސްޕޯޓްސް ކުލަބް މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗްގައި ސްޓިންގާސް ބާސްކެޓް ބޯލް ކުލަބްއާ ވާދަކޮށް 73 ޕޮއިންޓް 53 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ.

 ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޗެމްޕިއަން ދި ބައުސްގެ އިބްރާހީމް ނަސީމްއެވެ. ފައިނަލް މެޗްގައި ދި ބައުސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ އަބްދުﷲ އަމްޒަރުއެވެ. އަމްޒަރުވަނީ ބައުސްއަށް 21  ޕޮއިންޓް ހޯދާދީފަ، އަދި ސްޓިންގާސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ މުހައްމަދު ސަބީހުއެވެ. ސަބީހުވަނީ ސްޓްރިންގާސްއަށް 12 ޕޮއިންޓް ހޯދާދީފައެވެ.

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ދި ބައުސްގެ އަލީ ފަޒްލީއެވެ. މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ ސްޓިންގާސް ބާސްކެޓް ބޯލް ކުލަބްގެ އަހުމަދު އަދުހަމްއެވެ.

މުބާރާތުގެ އެންމެ ޑިފެންސިފް ކުޅުންތެރިއަކީ ބައުސްގެ އިބްރާހީމް ނަސީމްއެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކީ ސްޓްރިންގާސްގެ އަހުމަދު އަދުހަމްއެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކީ އެލްޓީ ސްޕޯޓްސް ކުލަބްގެ އަބްދުﷲ ފިރުނާޝް މުހައްމަދުއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދި ބައުސް ސްޕޯޓްސް ކުލަބްގެ އަބްދުﷲ އަމްޒަރުއެވެ. 

img:http://s3.psmnews.mv/images/660x400/14709272298900.jpg|

ފައިނަލް މެޗަށްފަހު ޗެމްޕިއަންކަން ހޯދި ދި ބައުސްގެ ކޯޗް އަލީ ފަޒްލީ ބުނީ ފުރަތަމަ ދެ ކުއާޓާރގައި އެޓީމަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުކަމަށާއި، ސްޓިންގާސްގެ ގޭމް ޕްލޭން އިންގޮތުން ދި ބައުސްއަށް އުނދަގޫތަކެއް ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް ދެވަނަ ކުއާޓާރއަށްފަހު ޓީމް ހަމައަކަށް އެޅިއްޖެކަމަށާއި، ޓީމްގައި ތިބި ސީނިއާ ކުޅުންތެރިންގެ އެހީއާއިއެކު ބޭނުންވި ގޮތަށް މެޗް ނިންމާލެވުނުކަމަށެވެ.

ފައިނަލް މެޗުން ބަލިވި ސްޓިންގާސްގެ ކޯޗް މުޙައްމަދު ނަޒީރުބުނީ ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަމަށާއި، ޓީމްގެ އެންމެ މުހިންމު ކުޅުންތެރިން މެޗް ފުރިހަމަކުރީ އަނިޔާގައި ތިބެކަމަށެވެ. ދި ބައުސްގެ މައި ހަތިޔާރަކީ އަމްޒަރުކަމަށާއި، މެޗުގައި ތަފާތަކަށްވެގެންދިޔައި އަމްޒަރުގެ ކުޅުންކަމަށްވެސް ނަޒީރު ފާހަގަކުރިއެވެ.