ޚަބަރު

ވޭޕްގެ މައްސަލަތަކުގައި އޮގަސްޓު މަހު 30 މީހަކު ޖޫރިމަނާކޮށްފި


  • މީގެތެރޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުނު ފަރާތްތައް ހިމެނޭ

  • ޖޫރިމަނާގެ ގޮތުގައި 150000 ރުފިޔާ

އޯގަސްޓް މަހު ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ މަހު ވޭޕާއި ގުޅުންހުރި 11 މައްސަލައެއް ރިކޯޑުކުރިކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ ނިމުނު އޯގަސްޓްމަހުގެ ވޭޕާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރިޕޯޓުކުރި 11 މައްސަލައިގެ ގެތެރޭގައި އިލެކްޓްރޯނިކް ވޭޕްއާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 4 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައެއްގެ އިތުރުން ވޭޕާއި ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 30 މީހަކުވަނީ ޖޫރިމަނާކޮށްފައެވެ. އަދި މިމައްސަލަތަކުގައި ޖުމްލަ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށާއި މީގެތެރޭގައި ހިމެނެނީ ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 16 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 65000 ރުފިޔާއެވެ. އަދި އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 85000 އަރާފައިވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށްވަނީ އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެކަމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ޤާނޫނަށް ގެނައި ބަދަލުތަކާއެކު އެކަމަށް އާންމުން ހޭލުންތެރިވެ އެފަދަ ޤާނޫނީ ކުށްތަކަށް އަރައިނުގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ.