ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1000އަށް ވުރެ ގިނަ ބައިވެރިން


  • ކިޔެވުންތައް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް

  • ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައި ހިމެނޭ

މިމަހު ފަށާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ކިޔެވުންތައް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މިފަހަރުގެ މުބާރާތުގައި 1003 ފަރާތެއް ބައިވެރިވާކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތެއް ބައިވެރިވާކަމަށައި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާކަމަށެވެ.

މީގެ އިތުރުން ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން 190 ދަރިވަރުން ބައިވެރިވާއިރު ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރަކު ބައިވެރިވާކަމަށްވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި ޙާފިޒުންގެ ބައިން 29 މީހަކު ބައިވެރިވެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ އެހެނިހެން ކެޓަގަރީތަކުންވެސް ބަލައިގެން ކިޔެވުމުގެ ބައިން 181 މީހުންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 މީހުން ބައިވެރިވެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.