ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީ އުވާލަން ނިންމައިފިއެވެ.
މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލަން ނިންމިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން އެމްޓީޑީއަށް ހަމަކުރެވިފައިނުވާކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމައިފިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެމްޓީޑީއަށް ދިން ނޯޓިސްގެ މުއްދަތު މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހަމަވިއިރު، އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި ނޯޓިސް މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ރަޖިސްޓްރީވެފައި ނުވާކަމަށެވެ. ނޯޓިސް މުއްދަތު ހަމަވި ދުވަހު، މެމްބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަސް ދިނުމަށް އެދި އެޕާޓީން އިލެކްޝަނަށް ހުށައަޅާފައި ވީނަމަވެސް އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމުން އެޕާޓީން އެދުނު މުއްދަތު ދީފައިނުވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަނުން ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެޕާޓީން މެމްބަރުން ހަމަކޮށްފައިނުވާތީ، ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން ޖޫން މަހުގެ 3 ވަނަ ދުވަހު އެޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އަދި އެކަން އެޕާޓީއަށް އަންގާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޕާޓީގެ މުދަލާއި ދަރަންޏާއި މެދު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން، ޢަމަލުކުރުމަށްފަހު އެކަން ލަސްވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށް ޕާޓީއަށް އަންގާފައިވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.
މިމުއްދަތު ސެޕްޓެމްބަރު މަހުގެ 3 އަކަށް ހަމަވާތީ އިލެކްޝަންސް ކޮމިޝަނުންވަނީ އެޕާޓީ، އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެޕާޓީ އުނިކޮށްފައިވާކަން ޢިއުލާންކޮށްފައެވެ.