ކުޅިވަރު

އުއްމީދަކީ ކުރިއެކޭ އެއްގޮތަށް ރަނާއި ރިހި އަލުން ރާއްޖެއަށް ގެނައުން: ހަސީބު


އުއްމީދަކީ ކުރިއެކޭ އެއްގޮތަށް ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތްތަކުން ރަން މެޑެއްޔާއި ރިހި މެޑެލް ރާއްޖެއަށް އަނެއްކާވެސް ގެނެސްދިނުން ކަމަށް ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗު ޢަބްދުލް ހަސީބު ހުސެއިން ބުނެފިއެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ރާއްޖެއަށް ލޯ މެޑަލް ގެނެސްދިން ޤައުމީ ބޮޑީބިލްޑިންގ ޓީމަށް އިރުޝާދުދެމުން އަންނަ ކޯޗު ޢަބްދުލްހަސީބު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ ބެންކޮކުގައި ކުރިއަށްދިޔަ މުބާރާތުން ލިބުނު ކާމިޔާބީއާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. އެމުބާރާތުން ރާއްޖެއަށް ލޯ މެޑަލް ގެނެސްދިން މަނާފަކީ ދާދިފަހުން ޓީމާއި ގުޅުނު އެތުލީޓެއް ނަމަވެސް ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިކަމަށް ކޯޗު ފާހަގަކުރިއެވެ.

"މީ ވަރަށް އުފާވެރި ކާމިޔާބީއެއް. މުޅިން އަލަށް ރާއްޖެއިން ބޭރުގެ މުބާރާތެއްގައި މަނާފް ވަހީދު ވާދަކުރަންފެށީ. ދެން އަދި މަނާފް ތުރީ މަންތުސް ކަންނޭންގެ އަދި ނެޝަނަލް ޓީމާއި ޖޮއިންކުރުވައިގެން މިފެށީވެސް. ވަރަށް ބޮޑަށް ކޯޗެއްގެ ހައިސިއްޔަތުން އުފާކުރަން. އޭޝިއާގެ ބޮޑު މުބާރާތެއްގައި ތިންވަނައަށް ދިއުމަކީވެސް ގާތްގަނޑަކަށް ބުނަންޏާ އަށާރަ ޕާރޓިސިޕަންޓުން ތެރޭގައި ސަފޭހަކަމެއް ނޫން. ދެން އުންމީދުކުރަނީ ދެން ނުކުންނަން އޮތީ ވޯލްޑް ޗެމްޕިއަންޝިޕު، އޭގައި މިއަށްވުރެ އެއް ހަރުފަތް މައްޗަށް މަނާފް ޖައްސާލުން" ހަސީބު ބުންޏެވެ.

ބޮޑީބިލްޑިންއަކީ މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ގެނެސްދީފައިވާ ކުޅިވަރުކަމަށް ހަސީބު ފާހަގަކުރިއެވެ. މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމީ ބޮޑީބިލްޑިން ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މިހާރު ރިޓަޔަރވެފައިވާކަމަށާއި، އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ އައު ކުޅުންތެރިން އުފެއްދުމުގެ މަސައްކަތްކަމަށް ހަސީބު ބުންޏެވެ.

"މެޑަލްއިން ބަލައިފިއްޔާ އެންމެ ބައިވަރު މެޑަލް އިންޑިވިޖުއަލް ސްޕޯޓްސްމަނަކު ނޫނީ ކުޅިވަރެއްގައި އަޅުގަނޑުމެން މިގެންނަނީ. މިހާރު ކުރީގެ ޓީމުގެ ބައެއް މީހުން އޭޖްވުމާއި ގުޅިގެން ރިޓަޔަރކުރުމާއި، އަނެއް ބަޔަކު ކުޑަކޮށް ރެސްޓެއް ދީފަ އެތިބީ" ހަސީބު ބުންޏެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ހަތަރު އެތުލީޓުންކަމަށްވާ މަނާފް ވަހީދާއި، އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއަކީ އަލަށް ޤައުމީ ޓީމުން ފުރުސަތުދީގެން މުބާރާތަށް ތަމްރީނުކުރުވި ކުޅުންތެރިންކަމަށް ކޯޗު ބުންޏެވެ.

މިއެތުލީޓުންނަކީ އަދި އެފަދަ ބޮޑު މުބާރާތަކަށް އެންމެ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ކުޅުންތެރިންތަކެއް ނޫންކަމަށާއި، އެހެންނަމަވެސް އަށާރަ އެތުލީޓުންނާއި ވާދަކޮށް މަނާފް ލޯ މެޑައްޔެއް ކަށަވަރުކުރުމަކީ އުފާވެރިކަމެއްކަމަށް ހަސީބު ސިފަކުރިއެވެ. ހަސީބު ބުނީ ގައުމީ ބޮޑީބިލްޑިންއާއި އަލަށް ގުޅުނު އެތުލީޓުން ބައިނަލްއަޤްވާމީ މުބާރާތްތަކަށް ނެރުމުގެ އެންމެ ބޮޑު ބޭނުމަކީ އެއެތުލީޓުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތަޖުރިބާ ހޯދައިދިނުންކަމަށެވެ.

ހަސީބު ބުނީ ބޮޑީބިލްޑިންގެ ގައުމީ ޓީމަކީ އައު ޓީމެއްކަމަށާއި، އެހެންނަމަވެސް އެއީ އުންމީދީ ޓީމެއްކަމަށެވެ. ބޮޑީބިލްޑިންގެ ވޯލްޑް ޗެމްޕިއަންޝިޕު މުބާރާތް ކުރިއަށް އޮތްއިރު، މިހާރުގެ އަމާޒަކީ މިއެތުލީޓުން ތަމްރީނުކޮށް ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ރަން މެޑައްޔާއި ރިހި މެޑަލް ގެނެސްދިނުންކަމަށް ހަސީބު ފާހަގަކުރިއެވެ.

"މިފަހަރުގެ މި ހަތަރު ކުދިންނަކީވެސް މުޅިން އަލަށް ނަގައިގެން ތަމްރީނުކުރި ބައެއް. ހަގީގަތަށް ބުނަންޏާ މިވަރުގެ މުބާރާތްތަކަށް ގެންދާވަރަށްވުރެ ދަރަޖަ ދަށް ޑެވެލޮޕްމަންޓުގެ ގޮތުން. އެކްސްޕީރިއަންސަށް އަދި މިކުދިން މި ނެރެނީ. އެކަމަކުބެސް އަޅުގަނޑުމެންގެ ޓާގެޓަކީ މިކުދިން ލައްވާ ކުރިއެކޭ އެއްގޮތަށް ރަނާ ރިއްސާ ރާއްޖެއަށް ގެނައުން" ހަސީބު ބުންޏެވެ.