ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއަރ ގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދަޢުވަތަކަށެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާގެ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރާ އަހަރެވެ.
ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިހާރު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި، ޗައިނާގެ ރައީސް ދެއްވި ފުރަމާނަ ޖާފަތަކަށްފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.