ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.
މި ތަން ހުންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.
މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްސަ ފަރުވާ ދިނުމުގައި ވަރަށް ބައިވަރު ދަތިތައް ހުންނަ ކަމަށެވެ. ނަމަވެސް، މިހާރު ފަސޭހަކަމާ އެކު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ހާލު ބެލި، އެހީ ފޯރުކޮށްދިނުމަށް ސެންޓަރުގެ ސަބަބުން މަގުފަހިވާނެކަމަށް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
"ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ، ނުވަތަ ސްޕެޝަލިސްޓުންގެ ލަފާ ބޭނުންވާނަމަ، އެ ސަރަހައްދެއްގެ އަތޮޅު ހޮސްޕިޓަލާ ގުޅިގެން މި ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނެ." ސީއީއޯ ވިދާޅުވިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް ސެންޓަރުން އިސްނަގައިގެން ގުޅާނެ ކަމަށެވެ. އަދި ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ސެންޓަރުން ފަހިކުރާނެކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.
ޑރ. ޢުމަރު ވިދާޅުވީ މިފަދަ ސެންޓަރެއް ޤާއިމުކުރުމުގެ ބޭނުމަކީ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތައް ވީހާވެސް ގާތުން މޮނިޓަރކޮށް، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
"ހުރިހާ ޕޭޝަންޓުންނަށް ގުޅައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނަމަ ޑޮކްޓަރުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނީމަ، ބަލި މީހާއަށް ނުވަތަ ބެލެނިވެރިންނަށް ފަރުވާ ރަނގަޅުކުރުމަށްޓަކައި ދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދީ، ފަރުވާ ފުރިހަމަ ގޮތުގައި ދެވޭނެ." ޢުމަރު ވިދާޅުވިއެވެ.
ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ޤާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.