މިހާރު ކުރިއަށްދާ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް 2025 ގައި އިތުރު ގައުމީ ރިކޯޑެއް ހަދައިފިއެވެ.
އެއަރ ރައިފަލް އަންހެނުންގެ ޔޫތު ކެޓެގަރީގައި ވާދަކޮށް މި ރިކޯޑު ހަދާފައިވަނީ މަރިޔަމް މަލަކް މުޙައްމަދެވެ. އޭނާ މި ރިކޯޑު ހަދާފައިވަނީ 501 ޕޮއިންޓާއެކުގައެވެ.
އާންމުންނަށް ހުޅުވާލައިގެން މިމުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިމުބާރާތް މިދިޔަމަހުގެ 28 ވަނަ ދުވަހު ފަށާފަވާއިރު މިމުބާރާތް ކުރިއަށްދާނީ އަންނަ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ.
ޒުވާނުންގެ މަޒުކަޒުގައި ކުރިއަށްދާ މިމުބާރާތުގައި ހަތަރު ކެޓަގަރީއަކުން 167 ޝޫޓަރުން އަންނަނީ ވާދަކުރަމުންނެވެ.
މިއީ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕުގައި ފެނިގެންދިޔަ ދެވަނަ ގައުމީ ރިކޯޑެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުރަތަމަ ރިކޯޑު ފެނިގެންދިޔައިރު، އެރިކޯޑަކީ އެއަރ ރައިފަލް އަންހެނުންގެ ޕްރޮފެޝަނަލް ކެޓެގަރީގައި ވާދަކޮށް އައިޝަތު އީޝާ ޝަހީދު މުގުރާލި ރިކޯޑެކެވެ. އޭނާ ރިކޯޑު ހަދާފައިވަނީ 609.6 ޕޮއިންޓު ހޯދައިގެންނެވެ.