ޚަބަރު

އަންހެނުންގެ ކޮމިޓީތަކުގެ އަހަރުތަކެއްވީ އާދޭސް ނިމުމަކަށް!


  • އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ވަނީ ބޮޑުކުރައްވާފައި

  • ރަމަޟާން މަހުގެ އިނާޔަތްވެސް ލިބޭނެ ގޮތް ރައީސް ވަނީ ހައްދަވާފައި

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބު ކުރެވެއެވެ. ފަސް އަހަރުގެ ދައުރަކަށް މި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަނީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް މި ކޮމިޓީތަކުގެ ބަޖެޓުގެ ދަތިތަކާހުރެ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ޝަކުވާތަކަކީ އެތައް އަހަރުތަކެއްވީ ޝަކުވާތަކެކެވެ.

ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ވަރަށް ހިންގުންތެރި ކޮމިޓީތަކެކެވެ. ރަށު އަދި އަތޮޅު ފެންވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސް، އެ ކޮމިޓީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެ ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް އެތައް ދަތިތަކެއް ކުރިމަތިވެއެވެ.

އަންހެނުންގެ ކޮމިޓީތަކަށް ބަޖެޓް ދެނީ ލޯކަލް ކައުންސިލްތަކުގެ ބަޖެޓުންނެވެ. އެގޮތުން، ކައުންސިލްތަކުގެ ބަޖެޓުގެ %5 އަންހެނުންގެ ކޮމިޓީތަކަށް ޚާއްސަކުރުމަށް ވަނީ ބުނެފައެވެ. މި ބަޖެޓަކީ އެކަށީގެންވާ ބަޖެޓަކަށް ނުވާތީ އެކި ހަރަކާތްތައް ހިންގުމަށް ދަތިތަކާ ކުރިމަތިވެ، އަންހެނުންގެ ކޮމިޓީތައް ވެފައި އޮތީ، ރަށަށް ދާ މީހުންނަށް "ސައި ތައްޔާރުކުރާ" ބަޔަކަށެވެ. އެކަން ބަދަލުކޮށްދެއްވައި ކޮމިޓީއަށް އެކަށީގެންވާ ހަރަކާތްތައް ހިންގުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް ރައީސުން އަރިހުގައި އެ ކޮމިޓީތަކުން އެދެއެވެ. ނަމަވެސް އަންހެނުންގެ ކޮމިޓީތަކުގެ އަހަރުތަކެއްވީ މި ކަންބޮޑުވުން އަޑުއެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅާއެކުގައެވެ. އެމަނިކުފާނު ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންހެނުންގެ ކޮމިޓީތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުން އަޑުއެއްސެވިއެވެ. އަދި އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްތައް ފެއްޓެވިއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ކަންބޮޑުވުންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހައްލުކޮށްދެއްވީ އުޖޫރައިގެ ކަންކަމެވެ. އެގޮތުން، ކުރިން އެލަވެންސް ލިބެމުން އައި ކޮމިޓީ މެންބަރުންނަށް މުސާރަ ކަނޑައަޅުއްވައި މިހާރު ވަނީ ދޭން ފަށާފައެވެ. އަދި ދިވެހި އެހެން މަސައްކަތްތެރިންނާ އެއްގޮތަށް އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީވެސް ރަމަޟާން މަހުގެ އެލަވެންސް ލިބޭ ބަޔަކަށް ހަދައި އެކަމުގައި އޮތް ކަންބޮޑުވުންވެސް އެމަނިކުފާނު ވަނީ މިއަހަރު ހައްލުކޮށްދެއްވާފައެވެ.

ރައީސް ވަނީ ބަޖެޓާ ގުޅޭގޮތުން އޮތް ކަންބޮޑުވުމަށްވެސް މިހާރު ހައްލު ހޯދަދެއްވާފައެވެ. އެގޮތުން، ކުރިން ކައުންސިލްތަކުގެ ބަޖެޓުން ދެމުން އައި %5 ދެގުނަ ކުރައްވައި އަންނަ އަހަރުން ފެށިގެން %10 ލިބޭ ގޮތް ވަނީ ހައްދަވާފައެވެ. މިއާއެކު މިހާރު ކޮމިޓީތަކަށް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ބޮޑު ލުއިތަކެއް ލިބި، ރަށުގެ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން މިއަހަރު ދޭން ފެއްޓެވި ރަމަޟާން މަހުގެ އެލަވެންސަކީ އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓުން ދޭ އެލަވެންސެއްގެ ބަދަލުގައި އެ ކޮމިޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ، ކައުންސިލްތަކުގެ ބަޖެޓުން ދޭގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ނިންމަވާފައެވެ.

ކޮންމެ ސިޓީ އަދި ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް 2012 ވަނަ އަހަރުން ފެށިގެން އިންތިޚާބުކުރެއެވެ. މި ކޮމިޓީތަކުން ކުރީގެ ރައީސުންނާވެސް ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އަމަލުން ދެއްކެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށެވެ.

ރައީސްގެ މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރަށްރަށުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ ކުރިއަށްވުރެ ބޮޑުވެ، ރަށުގެ އަންހެނުން ކުރިއެރުވުމަށާއި ކައުންސިލްތަކަށް އެއްބާރުލުން ދިނުމުގައި އެކަށީގެންވާ މަސައްކަތްތަކެއް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރެވޭނެއެވެ.