ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން ސީއެސްސީއަށް 3 މެންބަރަކު ޢައްޔަނުކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި 3 މެންބަރުންނަކީ މުޙައްމަދު ނާޞިޙާއި ޑޮކްޓަރ ޙުސައިން ފާއިޒްގެ އިތުރުން ޑޮކްޓަރ ދީބާ މޫސާއެވެ. މި މެންބަރުން އައްޔަނުކުރެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، 3 ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. މި 3 ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި 3 މެންބަރުން، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން އެބޭފުޅުންނާ ހަވާލުކުރައްވާފައެވެ.
ނާޞިޙާއި ޑރ. ޙުސައިން ފާއިޒާއި ޑރ. ދީބާ މޫސާ ސީއެސްސީއަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު މި މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ.