ސައުތު އޭޝިއަން ސުޕަ ކަޕް 2025ގައި ސްރީލަންކާ އާއި ރާއްޖެ ވާދަކުރާ ދެވަނަ ލެގުގެ މެޗު ޕީއެސްއެމްގެ ޓެލަވިޒަން މޯލްޑިވްސް، ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ.
ސްރީލަންކާގެ ރޭސްކޯސްގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 17:15ގައި ފެށުމަށް ހަމަޖެހިފަވާ މެޗާ ގުޅޭ ޚާއްސަ ކަވަރޭޖް މިރޭ 10 ޖަހާއިރު ޓީވީއެމް އަދި ޔެސް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކަވަރޭޖުގެ މެއިން ސްޕޮންސަރަކީ ދިރާގްއެވެ.
ފުރަތަމަ މެޗު ބެލުމަށް ލަންކާގައި ދިރިއުޅޭ ރާއްޖޭ ރައްޔިތުން ރޭސްކޯސް ދަނޑަށް ވަތްއިރު މާދަމާގެ މެޗު ބެލުމަށް ގިނަ ދިވެހިން ދަނޑަށް ވަނުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. މާދަމާގެ މެޗު ބެލުމަށް ލަންކާ އިން ވަނީ ގިނަ ސަޕޯޓަރުން ވެއްދުމަށް މިހާރު ޓިކެޓް އަގުހެޔޮކޮއްފައެވެ.
''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ މި މުބާރާތުގައި ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެނެނެވިއެވެ.
ކުރިން ދިވެހިރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކޮށް އަލާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ތަފާތު ވަސީލަތްތައް ސަރުކާރުން ދަނީ ޤާއިމްކުރައްވަމުންނެވެ.
ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ކާމިޔާބީގައި ކުޅުންތެރިން ކުރި ހިތްވަރާއެކު މާދަމާ މެޗަށް އޮތް އުއްމީދު ބޮޑު ކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)ވަނީ ބުނެފައެވެ.
ރާއްޖެ އާއި ލަންކާ ވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހު ކުޅުމަށް ހަމަޖެހިފަވާ އޭޝިޔަން ކަޕް ކޮލިފައިން މެޗުތަކަށެވެ.