ޚަބަރު

މާލޭ ސަރަހައްދުގައި މަސައްކަތްކުރެވޭ އާބާދީގެ %74.8 މީހުން ވަޒީފާ އަދާކުރޭ


  • މާލޭ ސަރަޙައްދުގައި މަސައްކަތް ކުރެވޭ މީހުންގެ އާބާދީއަކީ 187،390 މީހުން

  • ވަޒީފާ އަދާކުރާ މީހުންގެ އަދަދަކީ 140،255 މީހުން

މާލެ ސަރަހައްދުގައި މަސައްކަތްކުރެވޭ އާބާދީގެ %74.8 މީހުން ވަޒީފާ އަދާކުރަމުންދާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްގެ ދިރާސާއިން ދައްކައިފިއެވެ. މިގޮތަށް ދައްކާފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ލޭބަރ ފޯރސް ސަރވޭ ރިޕޯޓުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްއިން އާންމުކޮށްފައިވާ ސަރވޭ ރިޕޯޓުން ދައްކާގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އުމުރުން 15 އަހަރުން މަތީގެ މަސައްކަތް ކުރެވޭ މީހުންގެ އާބާދީއަކީ 187،390 އެވެ. މީގެތެރޭގައި ދިވެހިންގެ އަދަދަކީ 127،696 އެވެ. އަދި ބިދޭސީންގެ އަދަދަކީ 59،694 އެވެ.

މަސައްކަތްކުރެވޭ މީހުންގެ އާބާދީގެ ތެރެއިން ވަޒީފާ އަދާކުރާ މީހުންގެ އަދަދަކީ 140،255 އެވެ. މިއީ %74.8 އެވެ. އަދި 2176 މީހަކު ދަނީ އަދާކުރާނެ ވަޒީފާއެއް ހޯދަމުންކަމަށް މި ސަރވޭ ރިޕޯޓުން ދައްކައެވެ. މީގެތޭގައި ގިނައީ ދިވެހިންނެވެ. އެއީ 2064 މީހުންނެވެ.

ވަޒީފާގައި ނުޅޭ އެހެންނަމަވެސް ވަޒީފާ ހޯދާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 1101 އަންހެނުންކަމަށް ސަރވޭ ރިޕޯޓުން ދައްކައެވެ.

ރިޕޯޓުން ދައްކާގޮތުގައި 44،959 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ މީހުންނެވެ. އެއީ މަސައްކަތް ކުރެވޭ މީހުންގެ އާބާދީގެ %24 އެވެ. މީގެތެރެއިން 7،622 މީހުންނަކީ ވަޒީފާ އަދާކުރެވޭނެ ގާބިލްކަން ހުރި މީހުންކަމަށްވެސް މި ސަރވޭ ރިޕޯޓުން ދައްކައެވެ.

މަސައްކަތްކުރެވޭ އާބާދީއަށް ބަލާއިރު ދިވެހި އަންހެނުންނަށްވުރެ ވަޒީފާއަދާކުރާ ފިރެހެނުންގެ އަދަދު އިތުރުކަމަށް މި ސަރވޭއިން ދައްކައެވެ. އެގޮތުން %77.5 ފިރެހެނުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި %51.6 ދިވެހި އަންހެނުން ވަޒީފާ އަދާކުރަމުންދާކަމަށް ސަރވޭއިން ދައްކައެވެ.

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ކުރިއަށްގެންދިޔަ މި ސަރވޭގެ ބޭނުމަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. ވަޒީފާގައި އުޅޭ އަދި ނޫޅޭ މީހުންގެ އާބާދީ ދެނެގަތުމާއި، ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަކީވެސް މި ސަރވޭގެ ބޭނުމެކެވެ.