ޚަބަރު

ކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ

  • މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބޭނެ

ގއ. ކޮނޑޭގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ކޮނޑޭގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި ރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ

އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު ވަޒީރު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ކޮނޑޭގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްތައް ޤާއިމްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ނިންމާލުމަށް ބީއެމްއެލްއިން ވަނީ އަމާޒުހިފާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެކަމަށް އެބޭންކުން ވަނީ ވިދާޅުވެފައެވެ.