ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 15ވާ ހޯމަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައި ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މިވަގުތު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެ ބިލެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އެގޮތުން، ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ބިލާއި މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭ ބިލުގެ މަސައްކަތް އެ ކޮމިޓީން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން އާންމު ވޯޓާ ގުޅޭ ބިލު މިހާރު ވަނީ އެ ކޮމިޓީން ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހުއެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.