ކުޅިވަރު

ލީގުގެ އެއްވަނަ މަޤާމް މާޒިޔާއަށް ގެއްލިއްޖެ


ވެލެންސިޔާ އަތުންވެސް އެއްވަރުވެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނަ މަޤާމް މާޒިޔާއަށް ގެއްލިއްޖެއެވެ. 

ލީގު ތާވަލްގެ އެއްވަނައިގައި ލީޑް ހިފަހައްޓަމުން އައި މާޒިޔާއަށް ލީޑް ގެއްލުނީ ރޭ ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗް ދެލަނޑު ދެލަނޑުން އެއްވަރުވުމާ ގުޅިގެނެވެ. އަދި އިއްޔެ ހަވީރު ނިއުރޭޑިއަންޓްގެ މައްޗަށް ކްލަބް އީގަލްސް ކުރިހޯދުމާއެކު އީގަލްސް ލީގުގެ އެއްވަނަ މަޤާމަށް ޖެހިލުމުންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ މާޒިޔާއިންނެވެ. 

މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއަށް ލީޑް ނަގައިދިނީ ޤައުމީ ކެޕްޓަން ޢަލީ އަޝްފާޤެވެ. ދެވަނަ ހާފްގައި ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އެންޖެލް ކަރަސްކޯސާއެވެ. މެޗްގައި ފުރަތަމަ ފަހަރަށް ވެލެންސިޔާއަށް ލީޑް ނަގައިދިނީ ހަންސްލީ އަވީލޯއެވެ. ވެލެންސިޔާއިން ނެގި ލީޑާއެކު އެޓީމް ވަނީ މާޒިޔާގެ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މާޒިޔާގެ ޑިފެންޑަރ އަމްދާން ޢަލީ ވަނީ މެޗްގެ ފަހުވަގުތު ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

މިނަތީޖާއާއެކު އީގަލްސްގެ ފަހަތުން މާޒިޔާއަށް ލީގުގެ ދެވަނަ ލިބެނީ 25 ޕޮއިންޓާއެކުއެވެ. ވެލެންސިޔާއަށް ލިބުނު ޕޮއިންޓާއެކު އެޓީމް އަދިވެސް އޮތީ ހަތަރުވަނައިގައެވެ. ތިންވަނައިގައި ޓީސީ ސްޕޮޓްސް އޮތީ ތޭވީސް ޕޮއިންޓާއެކުއެވެ.