ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ތަކެތީގެ އަގުތަކަށްވެސް ބަދަލުތައް އާދެއެވެ. ބައެއްފަހަރު އަތްނުފޯރާ މިންވަރަށް އަގު ބޮޑުވެގެންދެއެވެ. އެންމެ އަސާސީ ކާބޯތަކެތި ގަންނަން ދަތިވާ މިންވަރަށް އަގު އުފުލެއެވެ. މިއީ ޒަމާނުންސުރެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ. އެހެންކަމުން ހެޔޮ އަގެއްގައި ކާބޯތަކެތި ގަންނަން ލިބުމަކީ ރައްޔިތުން ދެކޭ ފޮނި ހުވަފެނެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ހުވަފެން ޙަޤީޤަތަކަށް ހަދައި ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް މީގެ ކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.
ވޯރާ ވިޔަފާރިވެރިންގެ ވަކިތަކުން ދިވެހި އިޤުތިޞާދު ސަލާމަތްކޮށް، ކާޑުގެ ބާވަތްތައް ގަނޑުކޮށް އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފެށީ ރާއްޖޭގެ ބޮޑުވަޒީރުކަމުގައި އޭރު ހުންނެވި ފަހުން ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރުގެ ދައުރުގައެވެ. މި މަސައްކަތަށް 1964 ވަނަ އަހަރު އުފެއްދި އަތިރީމާފާނު ޓްރޭޑިން އެކައުންޓް، އޭޓީއޭ ކުންފުނީގެ މަޤުޞަދަކަށްވީ ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމެވެ. އޭޓީއޭގެ ނަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއަށް ބަދަލުވެ، މިހާތަނަށް އައިރުވެސް އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގެންނަނީ ކާޑުގެ ބާވަތްތަކެވެ.
ދިވެހިންގެ ކެއިންބުއިމަށް އައި ބަދަލުތަކާއެކު މޭވާއާއި ތަފާތު ބާވަތްތަކުގެ ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، މި ތަކެތި ހެޔޮ އަގެއްގައި ލިބޭނެ މަގުފަހިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށްވެސް ސަރުކާރުތަކަށް ކުރެވިފައެއް ނުވެއެވެ. ރަމަޟާން މަހު އަގު އުފުލޭ ބައެއް ކާބޯތަކެތި އެސްޓީއޯއިން ގެނައި ނަމަވެސް، އަދި މިހާތަނަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނިން ކަށަވަރުކުރަމުން އަންނަނީ ކާޑުގެ ބާވަތްތައް ބާޒާރުގައި އަގު ހެޔޮކޮށް ހުންނަ ކަމެވެ. އެހެނިހެން ބާވަތްތަކަށް އަޅައެއް ނުލައެވެ.
ޒަމާނުންސުރެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ނިމުން ގެނެސް، ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ އެއް ސިޔާސަތެކެވެ. އެ މަގުން އެތައް ފިޔަވަޅެއް އެ ދަނީ އަޅުއްވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނިންމެވުމަކީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީ ގަނޑުކޮށް ގެނެސް، އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެވެ. އަދި ހަނޑޫ، ހަކުރު، ފުށުގެ އިތުރުން މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، އަގު ހެޔޮކޮށް ވިއްކުމަށްވެސް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޢާންމުކޮށް ރައްޔިތުން ބޭނުންކުރާ ކާބޯތަކެތި އަގުހެޔޮކޮށް، ލިބޭނެ މަގުފަހިވާނެއެވެ. އަދި ޒަމާނުންސުރެ ތަރުކާރީއާއި މޭވާ އަގު ބޮޑުވެގެން ރައްޔިތުންނަށް އުފުލަންޖެހުނު ތަކުލީފުތަކަށް ނިމުން އަންނާނެއެވެ. ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމާއެކު ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިކަމުން ދޭހަކޮށްދެއެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމާއެކު އިޤުތިޞާދީ ގޮތުންނާއި ރައްޔިތުންގެ މާލީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއްކުރާނެ ކަމާމެދު ޝައްކެއްނެތެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްވެސް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެއް ކަމަކީ ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެވެ. ދަނޑުވެރިކަމުގެ އިޤުތިޞާދީ ސަރަހައްދު ގާއިމްކުރުމަށް 100 ހެކްޓަރުގެ ބިމެއް ހިއްކުމަށް ނިންމަވާފައިވެއެވެ. މި މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއީވެސް ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކޮށް، ހެޔޮ އަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ޚާއްސަ މަޝްރޫޢެެކެވެ.
ރައީސްގެ މި ނިންމެވުމާއި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކާއެކު ތަކުލީފުތަކަށް ނިމުން އައިސް، ލުއި ފަސޭހަކަމަށް ދޮރު ހުޅުވައިދޭ އިންގިލާބީ ބަދަލެއް އަންނަނާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިއަދު ފެނިގެންދަނީ ޒަމާނުންސުރެ ދިވެހިން ދެކެމުން އައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހެން ފަށާފައިވާ މަންޒަރުތައްކަމާމެދު ޝައްކެއް ނެތެވެ.