ތަޢުލީމު

ތޮއްޑޫ ދަރިވަރުންނަށް ހިންގި ރެޑީ ކޭމްޕް ނިންމާލައިފި


ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ގިނަ ޙަރަކާތްތަކަކާއެކު އއ.ތޮއްޑޫގައި ފުލުހުން ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތޮއްޑޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ މިކޭމްޕަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޭންޑް އިން ހޭންޑާއި ތޮއްޑޫ ސްކޫލާއި އއ.ރަސްދޫ ޕޮލިސް ސްޓޭޝަނާއި ތޮއްޑޫ ކައުންސިލް އަދި ތޮއްޑޫ ސްކޫލުގެ ބެލެނިވެރިން ގުޅިގެން ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ. މިކޭމްޕުގައި ތޮއްޑޫ ސްކޫލްގެ ސާނަވީ މަރުހަލާގައި ކިޔަވަމުންދާ 77 ދަރިވަރަކު ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްގައި އއ.ތޮއްޑޫ ސްކޫލްގެ ސާނަވީ ގްރޭޑްތަކު ދަރިވަރުންގެ އިތުރުން ބެލެނިވެރިނަށާއި ޓީޗަރުން ވެސް ބައިވެރިވެފައިވެއެވެ. ރެޑީ ކޭމްޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާދެއްވީ ފޮރެންސިކް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަޙްމަދުއެވެ.

img:http://s4.psmnews.mv/images/660x400/14590530257832.jpg|ކުރިން ޕޮލިހުން ހިންގި ރެޑީ ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް- ފައިލް ފޮޓޯ: ޕީއެސްއެމް

މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ޙަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް ކިޔާދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ކިޔާދެވުނުކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ. 

މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާބެހޭގޮތުންވެސް މިކޭމްޕުގައި ވަނީ މަޢުލޫމާތު ދީފައެވެ.

އއ.ތޮއްޑޫގައި ނިމިގެންދިޔަ 45 ވަނަ ރެޑީ ކޭމްޕާއެކު އއ.އަތޮޅުގެ މީހުން ދިރިއުޅެމުންދާ ހުރިހާ ރަށެއްގައި މިހާރުވަނީ ރެޑީ ކޭމްޕު ހިންގިފައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.