ޚަބަރު

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


  • މި އެވޯޑު ޖުމްލަ 7 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައި

  • އެވޯޑަށް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 20

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިއުލާނުކޮށްފައިވާ "ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިމަހުގެ 20ވަަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ ގިނަ ކައުންސިލްތަކުން އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ގިނަ ކައުންސިލްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށެވެ. އެވޯޑަށް ހުށަހެޅޭނީ http://psm.mv/chaalu_award މެދުވެރިކޮށެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑު ޖުމްލަ 7 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

• އެންމެ ރީތި ގޮނޑުދޮށް
• އެންމެ އެކުވެރި މުޖުތަމަޢު
• ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
• ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
• ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
• އެންމެ ހިތްގައިމު ރަށު މަންޒިލް
• އަހަރުގެ އެންމެ ޗާލު ރަށް


ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

"ޗާލު ދިވެހިރާއްޖެ" އެވޯޑަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރުމަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވޭ ޤައުމީ ފެންވަރުގެ އެވޯޑެކެވެ.

މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީ، ދެމެހެއްޓެނިވިކަން އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުމެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއ،ި ޒިންމާދާރު ފަތުރުވެރިކަމާއ،ި މުޖުތަމަޢު ތަރައްޤީކުރުމާއި، ސަޤާފަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަގަކޮށް އެކަންކަމުގެ އަގުވަޒަންކުރުން ހިމެނެއެވެ.