ކުޅިވަރު

ގަވީ އަށް ދެން ކުޅެވޭނީ ރެއާލް މެޑްރިޑް މެޗަށް ފަހު


ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު ގަވީ އަށް ދެން ކުޅެން ނުކުމެވޭއިރު ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗު ނިމިދާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ގަވީ އަލުން ކުޅެން ފެށީ ހުސްވި ސީޒަނުގަ އެވެ. އެއަށް ފަހު މި ސީޒަނުގައި އޭނާ ކުރީގެ ފޯމަށް އަންނާނެ ކަމަށް ޓީމުން ތިބީ އުއްމީދު ކޮށްގެންނެވެ. ނަމަވެސް 21 އަހަރުގެ މިޑްފީލްޑަރަށް ވަނީ އަނެއްކާ ވެސް އަނިޔާގެ މައްސަލަ ދިމާވެފަ އެވެ. މި ފަހަރުގެ އަނިޔާވީ ކުރިން ވެސް ތަދުވި ކަކުލަށް ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ބާސެލޯނާގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އޮޕަރޭޝަން ނުކޮށް ވޭތޯ ބެލުމަށެވެ. ސަބަބަކީ އޮޕަރޭޝަން ކޮށްފިނަމަ ގަވީ އަށް ގިނަ ދުވަސްތަކެއް ގެއްލިގެންދާނެތީ އެވެ. ކުޅުންތެރިޔާ ވެސް ބޭނުންވަނީ އަވަހަށް ކުޅުމުގެ ތެރެއަށް އައުމަށެވެ.

ނަމަވެސް ބާސެލޯނާއިން ބުނީ އެންމެ އަވަހަށް ވެސް އޭނާ އަށް ކުޅުމުގެ ތެރެ އަށް އާދެވޭނީ ހަ ހަފުތާ ފަހުން ކަމަށެވެ. މިހެންވުމުން ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ. މީގެ އިތުރުން ވެސް ސްޕެނިޝް ލީގުގެ ހަ މެޗެއްގައި ނުކުޅެ ހުންނަން ޖެހޭނެ އެވެ.

ގަވީ އަކީ ބާސެލޯނާގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ނެތުމުން ކޯޗު ހަންސީ ފްލިކް ފުރަތަމަ 11ގައި ކުޅުވަން ތައްޔާރުވަނީ މާކް ކަސާޑޯ އާއި ފްރޭންކީ ޑިޔޮންގް އަދި ޕެޑްރީ އެވެ.

ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ ހުސްވި ސީޒަނުގައި އެ ޓީމަށް ކާމިޔާބު ނުކުރެވުނު ޗެމްޕިއަންސް ލީގު މި ސީޒަނުގައި ކާމިޔާބު ކުރުމަށެވެ. އެ ޓީމު ވަނީ ހުސްވި ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަކަޕެވެ.