ކުޅިވަރު

ދެންވެސް ދާން އޮތީ ރެއާލް މެޑްރިޑަށް: އަންޗެލޮޓީ


ބްރެޒިލްގެ ގައުމީ ޓީމާއެކު އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުރިހަމަކުރުމަށްފަހު، ކުލަބަކާ ހަވާލުވާނަމަ ދާން އޮތް ހަމައެކަނި ކުލަބަކީ ރެއާލް މެޑްރިޑް ކަމަށް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ތަޖުރިބާކާރު ކޯޗު ވަނީ ސްޕޭނާއި ޔޫރަޕުގެ އެންމެ ކާމިޔާބު ކުލަބު ރެއާލް މެޑްރިޑަށް ދެ ފަހަރު ކޯޗުކޮށްދީފަ އެވެ. އޭނާ ހުސްވި ސީޒަނަށް ފަހު ރެއާލް ދޫކޮށްލީ ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުން އެ ކުލަބުން އައު ކޯޗަކު ހޯދަން ބޭނުންވުމުންނެވެ.

ނަމަވެސް އައު ކޯޗު ޒަބީ އަލޮންސޯއަށް ވަނީ އަދި ޓީމާއެކު ކާމިޔާބު ހޯދަން ދަތިވަމުންނެވެ.
އަންޗެލޮޓީއާ ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ ބްރެޒިލްގެ ގައުމީ ޓީމާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"އަހަރެން ބްރެޒިލްގައި މިހުރީ ވަރަށް ހިތްހަމަ ޖެހިގެން. އަހަރެންގެ އާއިލާ ވެސް މި ތަނުގައި ތިބީ އެހާމެ ހިތްހަމަ ޖެހިގެން. އެހެންވީމާ ވޯލްޑް ކަޕަށް ފަހު 2030 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އާ ކުރުމަކީ ވެސް މައްސަލަ އެއް ނޫން. ވޯލްޑް ކަޕަށް ފަހު ހުރިހާ ދިމާ އަކަށް ވެސް ފުރުސަތު އޮންނާނީ ހުޅުވިފައި،" އަންޗެލޮޓީ ބުންޏެވެ.

އޭނާ އަކީ ކުލަބު ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗެވެ. ރެއާލް މެޑްރިޑަށް ތިން ފަހަރު އަދި އިޓަލީގެ އޭސީ މިލާނަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީގައިވެސް ކާމިޔާބު ހޯދި އެވެ. ނަމަވެސް ކޯޗު ބުނީ ރެއާލް މެޑްރިޑް ފިޔަވައި އޭނާ ދެން ހަވާލުވާނެ ކުލަބެއް ނެތް ކަމަށެވެ.

"އަހަރެންނަށް ހުސްވި ސީޒަނުގައި ދިމާވީ ވަރަށް ދެރަ ގޮތެއް. ވަރަށް ގިނަ ޑިފެންޑަރުންނަށް އަނިޔާވުމުން އަހަރުމެންނަށް ސީޒަން އެހާ ނާކާމިޔާބުކޮށްދިޔައީ. އަހަރެން މަސައްކަތް ކުރީ ސީޒަން ކާމިޔާބުވޭތޯ. އެކަމަކު އެ ފުރުސަތެއް ނުލިބުނު. ރެއާލް މެޑްރިޑަށް ދިއުމަކީ އަދިވެސް އަހަރެންނަށް މައްސަލައަކަށް ނުވާނެ،" ކޯޗު ބުންޏެވެ.

ބްރެޒިލް އަކީ އަންޗެލޮޓީ ކޯޗުކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ. އޭނާގެ އަމާޒަކީ އަދި ބްރެޒިލްއިން އޭނާ އަށް ދީފައިވާ ޓާސްކަކީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.