ޚަބަރު

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާވެސް ބާއްވަނީ


  • މިއަދުވެސް ދެ ޖަލްސާއެއް ބޭއްވި

  • ދައުރުން ބޭރުން ޖަލްސާ ބާއްވަނީ މެންބަރުންގެ އެދުމުގެ މަތިން

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މާދަމާވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 16ވާ އަންގާރަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.

ޗުއްޓީގައި އޮތް ނަމަވެސް މިއަދުވެސް މަޖިލީހުގެ ދައުރުން ބޭރުން ވަނީ ދެ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އެޗްއާރުސީއެމްގެ ނައިބު ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވެވި ބޭފުޅުން މަޖިލީހުން ވަނީ ރުހުން ދީފައެވެ. އަދި ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭ ބިލުވެސް ވަނީ ފާސްކޮށްފައެވެ.

މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވާ މަސައްކަތްތައް އަދި މަޖިލީހުން ހާމަކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހުއެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.