ކުޅިވަރު

އިންޑިއާ ކުޅުންތެރިން ޕާކިސްތާން ކުޅުންތެރިންނާ ސަލާމް ނުކުރި


އޭޝިއާ ކަޕުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން އިންޑިއާ ކުޅުންތެރިން ނިންމީ ޕާކިސްތާނުގެ އެއްވެސް ކުޅުންތެރިއަކާ ސަލާމް ނުކުރުމަށެވެ. މިކަމާ އޭޝިއާގެ ކްރިކެޓް ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމާއަތުގެ ރައީސް އަދި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް މޮހްސިން ނަގްވީ ވިދާޅުވީ މިއީ ކުޅިވަރުގެ އަހުލާގު ނެތިކޮށްލުން ކަމަށެވެ.

"ކުޅިވަރުގައި އޮންނަ އެންމެ ރިވެތި ގޮތަކީ އެއްބަޔަކު އަނެއް ބަޔަކަށް ސަލާމް ކުރުން. މި ޖަމާއަތުން މި މެޗުގައި ފެނިގެންދިޔަ މިދިޔަ ހާދިސާއާ މެދު ކަންބޮޑުވަން. މިއީ ފެނިގެންފާނެ މަންޒަރެއް ނޫން،" ނަގްވީ ވިދާޅުވި އެވެ.

ފަސޭހަ ކަމާއެކު އިންޑިޔާ ކާމިޔާބު ކުރި މި މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ސަލާމް ކޮށްފަ އެވެ. އެކަމަކު މެޗުގެ ކުރިން މެޗު ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ސަލާމް ކުރުމާ އިންޑިޔާއިން ދެކޮޅު ހެދުމުން އެކަމުން ދައްކައިދެނީ ދެ ގައުމުގެ ސިޔާސީ ކޯޅުމުގެ ހަސަދަވެރިކަން ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އިންޑިޔާ ކުޅުންތެރިން މެޗުގެ ކުރިން ސަލާމް ނުކުރުމުން ޕާކިސްތާނުގެ ކެޕްޓަން ވަނީ މެޗަށް ފަހު ބާއްވާ އިވެންޓްތައް ބޮއިކޮޓްކޮށްފަ އެވެ.

އިންޑިޔާއިން ވަނީ 2012 ވަނަ އަހަރަށް ފަހު ޕާކިސްތާނަށް އެ ގައުމުގެ ކުޅުންތެރިން ދިއުން މަނާކޮށްފަ އެވެ. އަދި ޕާކިސްތާނު ކުޅުންތެރިންނަށް އިންޑިޔާ އަށް އެތެރެވެނީ ވެސް ހަރުކަށި ގިނަ ގަވާއިދު ތަކެއްގެ ތެރެއިންނެވެ.

އިންޑިޔާ މެޗުން ބަލިވުމުން ޕާކިސްތާނަށް ސެމީ ފައިނަލަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ޔޫއޭއީ ބަލިކޮށްގެންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން މޮޅުވީ އޮމާން އަތުންނެވެ. އިންޑިޔާ ފަހު މެޗުގައި ބައްދަލު ކުރާނީ އޮމާނާ އެވެ. ފުރަތަމަ މެޗުގައި އެ ގައުމުން ވަނީ ޔޫއޭއީ ބަލިކޮށްފަ އެވެ.