ޚަބަރު

އަމޮރިމް އައި ފަހުން ޔުނައިޓެޑް ވީ ގޯސް: ރޫނީ


މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ރުބެން އަމޮރިމް ހަވާލުވި ފަހުން އެ ކުލަބުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ވީ އިތުރަށް ގޯސް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ރުބެން އަމޮރިމް ހަވާލުވެފައިވަނީ މިދިޔަ އަހަރު އޭރު އެ ކްލަބުގެ ކޯޗު ކަމުގައި ހުރި ނެދަލޭންޑްސްގެ އެރިކް ޓެންހާގް މަގާމުން ދުރު ކުރުމަށްފަހުގަ އެވެ.

ނަމަވެސް ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި އަމޮރިމް އަށް ވަނީ އެ ކްލަބަށް އެކަށީގެންވާ ނަތީޖާތަކެއް ހޯދައި ދިނުމަށް ނުކުޅެދިފަ އެވެ.

ވޭން ރޫނީގެ ޕޮޑްކާސްޓް ކަމުގައިވާ ދަ ވޭން ރޫނީ ޝޯ ގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އަބަދުވެސް ކޯޗުންނާއި ކުޅުންތެރިންނާއިމެދު ރަގަޅު އަދި ތެދު ވާހަކަ ދައްކާ ކަމަށެވެ.

"އަހަރެންނަކީ އަބަދުވެސް ކޯޗުންނާއި ކުޅުންތެރިންނާއިމެދު ތެދު އަދި ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކާ މީހެއް. ނަމަވެސް މިތާ ހުރެ މިއަދު އަމޮރިމްގެ ދަށުން ޔުނައިޓެޑުން ކުރިއެރުން ހޯދަމުންދާ ކަމަށް ބުނުމަކީ ދަތި އަދި އުނދަގޫ ކަމެއް." ރޫނީ ބުންޏެވެ.

"ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުމުގެ ކުރިން ސަޕޯޓަރުން ދަނޑުން ނިކުތްތަން ފެނުނު އަދި ސަޕޯޓަރުން އަމޮރިމް އަށް ނިސްބަތްކޮށް ލަވަ ކީ އަޑު އިވުނު. އެއީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ވަރަށް ވަރުގަދަ މެސެޖެއް." ރޫނީ އިތުރަށް ބުންޏެވެ.

ނިމިގެންދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ޔުނައިޓެޑް އިން ނިންމާލާފައިވަނީ ތާވަލުގެ 15 ވަނައިގައި 42 ޕޮއިންޓާއި އެކުގަ އެވެ. މިއީ 90-1989 ވަނަ އަހަރުގެ ސީޒަނަށްފަހު ޔުނައިޓެޑް އަށް ލީގުގައި ލިބިފައިވާ އެންމެ ދަށް ނަތީޖާ އެވެ.