އެންމެ ބޮޑު އަމާޒެއް އޮތީ ދިވެހި ޕްރިމިއަރ ލީގު ހޯދުމަށް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
އެފްއޭ ޗެރިޓީ ޝީލްޑް މާޒިޔާއަށް ކާމިޔާބުކޮށްދިނުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހެނާންޑޭޒް ބުނީ އީގަލްސް އިން ދެއްކި ކުޅުމުގެ ސަބަބުން ހައިރާންވި ކަމަށާއި މުޅި މެޗު ފެނިގެންދިޔައީ ޝައުގުވެރިކޮށް ކަމަށެވެ.
މާޒިޔާއިން މެޗުގައި ގޯލް ޖަހަން ގިނަ ފުރުސަތު ލިބުނުކަން ފާހަގަކުރަމުން ހެނާންޑޭޒް ބުނީ މިއީ ލީގު ކުރިން ތައްޔާރުވާން ލިބުނު ވަރަށް ރަނގަޅުމެޗެއް ކަމަށެވެ. މުޅި މެޗުގައި ވެސް މާޒިޔާ ފެނިގެން ދިޔައީ ތަފާތުކޮށް ކަމަށާއި މާޒިޔާގައި ކުރެވެމުން ދަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް ކަމަށް ހެނާޑޭޒް ބުންޏެވެ.
ހެނާޑޭޒް ބުނީ މި ކަހަލަ މެޗުތަކުން ލީގުގައި ވަދާކުރަމުންދާއިރު ފައިދާވާނެ ކަމަށާއި ރަނގަޅު ކުރަން ހުރިކަންކަން ދެނެގަނެވޭނެ ކަމަށެވެ.
ދުވަސްތަކަކަށްފަހު ރާއްޖޭގެ ފުޓްބޯޅައި އެނބުރިއައުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ހެނާންޑޭޒް ބުންޏެވެ. މުޅި ކުލަބާ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ފެނިފަ އޭނާ އަށް ލިބެނީ އުފަލެއް ކަމަށް ހެނާންޑޭޒް ބުންޏެވެ.
"މި ކުލަބުގައި ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކޮއްފި، މިއަދު ހުރިހާ ކަމެއް ރަނގަޅު." ހެނާންޑޭޒް ބުންޏެވެ.
މިއަހަރު ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން އެފްއޭ ޗެރެޓީ ޝީލްޑް މެޗު މާޒިޔާ ކާމިޔާބުކުރީ އީގަލްސްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މާޒިޔާ އިން ވަނީ ފާއިތުވެދިޔަ ހަތަރު ސީޒަންގަ ވެސް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ހަވަނަ ފަހަރަށް ޗެރެޓީ ޝީލްޑް ކާމިޔާބުކޮށް އެންމެ ގިނަ ޝީލްޑް ހޯދި ކުލަބުގެ ވެސް ރެކޯޑް ވެސް އޮތީ މާޒިޔާ އަތުގައެވެ.